13 Dec 2015, 10:08
ކަލްކަޓާ (ޑިސެމްބަރ 13):ދެހާސްބާރަ ވަނަ އަހަރު ޕާކް ސްޓްރީޓް ކިޔާ ކަލްކަޓާގެ މަގަކުން އަންހެނަކު ކާރަކަށް އެރުވުމަށް ފަހު ގިނަ ބަޔަކު ވެގެން ރޭޕް ކުރި މައްސަލާގައި ކުށްވެރިވާ ތިން މީހަކަށް 10 އަހަރުގެ ޖަލު ހުކުމް ކޮށްފި އެވެ.
އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެފައިވާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ މަނާކަމެކެވެ. ނަމަވެސް، "ޕާކް ސްޓްރީޓް ރޭޕް ކޭސް"ގެ ނަމުގައި މަޝްހޫރުވެފައިވާ ކޭސްގައި ހަމަލާ ލިބުނު އަންހެން މީހާ، ސުޒެޓް ޖޯޑަން ވަނީ ރޭޕްއާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ގޮތުން އޭނާ އަށް ދިމާވި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި އެވެ.
"އަހަރެންނަކީ ރޭޕްގެ ޝިކާރައަކަށްވީ މީހާ. ކީއްވެ އަހަރެންގެ މޫނު ފޮރުވަންވީ؟ މޫނު ފޮރުވަން ޖެހޭ މީހުންނަކީ ރޭޕް ކުރި މީހުން،" ސުޒެޓް ބުނެފައިވެ އެވެ.
ހާދިސާ ހިނގިތާ އެއް އަހަރު ފަހުން، ސުޒެޓް ވަނީ ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކަށް ކައުންސެލިން ދިނުމުގައި ބައިވެރިވެ، ސްކޫލްކުދިންނާއި، އެކުދިންގެ ބެލެނިވެރިންނާއި ޓީޗަރުންނަށް ޖިންސީ ގޯނާއާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް، މިއަހަރުގެ މާޗް މަހު ސުޒެޓްއަށް ޖެހުނު މެނިންޖައިޓިސްގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ.
ފެބްރުއަރީ، 6، 2012ގައި ނައިޓް ކްލަބަކުން ނިކުމެގެން އައި މަގުމަތީގައި ސުޒެޓް ކާރަކަށް އަރުވައިފައި ވަނީ އޭނާ ގެޔަށް ލާދޭނެ ކަމަށް ބުނި ބަޔެކެވެ. އޭގެ ފަހުން ކާރުތެރޭގައި ގްރޫޕެއްގެ މީހުން ވެގެން އޭނާ ރޭޕް ކުރުމަށް ފަހު ދޫކޮށްލީ އަނެއް ދުވަހު ހެނދުނު ގަޑީގަ އެވެ.
އެންމެ ފުރަތަމަ އިންޑިއާގެ ފުލުހުން ވަނީ އެކޭސް ނުނެގުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އިންޑިއާގެ މީޑިއާ އިން އެހާދިސާ ކަވަރު ކުރަން ފެށުމުން ފުލުހުންނަށް ހާދިސާ ތަހުގީގު ކުރަން މަޖުބޫރުވީ އެވެ.
އެ ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ހޯދުމަށް އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ.
މައުލޫމާތު: ބީބީސީ