13 Dec 2015, 10:56
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗް 2-2ގެ ނަތީޖާއަކުން ޑިޕޯޓިވޯ ލަކަރޫނިއާ އެއްވަރުވެ އެއްވަނާގައި އޮވެ އިތުރަށް ލީޑް ފުޅާ ނުކުރުވުމުން ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް އެއްވަނަ އަށް އަރަން ފުރުސަތު ބޮޑުވެއްޖެ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލަޔޮނަލް މެސީ އެވެ. އޭގެ ފަހުން އިވާން ރަކިޓިކް ލަނޑު ޖަހާފައިވަނިކޮށް ލަކަރޫނިއާ އިން ވަނީ ފަހަތުން އަރާ ދެ ލަނޑުޖަހައިގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާ ޑިޕޯޓިވޯ ލަކަރޫނިއާ ކުޅުނު މެޗްގައި ބާސާ ސުއަރޭޒް އަށް ލަކަރޫނިއާގެ ސިލްވާ ޓެކުލް ކުރަނީ --- ފޮޓޯ:އޭޕީ
ލަކަރޫނިއާ އިން ނަތީޖާ ހަމަހަމަކުރީ އެންމެ ނުވަ މިނިޓްތެރޭގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 77 ވަނަ މިނިޓްގައި ލޫކަސް ޕްރޭޒް އެވެ. ދެ ވަނަ ލަނޑު ޖެހީ 86 ވަނަ މިނިޓްގައި ބާގަންޓީނޯސް އެވެ.
މި ނަތީޖާއާ އެކު އަދިވެސް ބާސެލޯނާ އޮތީ 35 ޕޮއިންޓާ އެކު އެއްވަނާގަ އެވެ. ނަމަވެސް ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑް މިރޭ އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެއްޖެނަމަ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވާނެ އެވެ. އަދި ވިޔަރެއާލް އަތުން މާދަމާ ރޭ ވާދަވެރި ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ ބާސެލޯނާއާ ދެ ޕޮއިންޓަށް ކައިރުކުރެވޭނެ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާ ޑިޕޯޓިވޯ ލަކަރޫނިއާ ކުޅުނު މެޗްގައި ބާސާގެ ފުރަތަމަ ލަނޑު މެސީ ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ
ރެއާލް ބަލިކޮށް ބާސެލޯނާ ހޯދި ހަ ޕޮއިންޓް ލީޑް ހަނިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ވެލެންސިއާ އަތުން 1-1އިން މިދިޔަ ހަފުތާގައި އެއްވަރުވެފައިނިކޮށް ރޭގެ މެޗު އެއްވަރުވުމެވެ.
އެންމެ ފަހުން ބާސާ ކުޅުނު މެޗްގައި ވެސް އަނީޔާގެ ސަބަބުން ނުކުޅެ އިން ބްރެޒިލް ފޯވަޑް ނޭމާ ރޭ ވެސް އިނީ ކުޅިބަލާށެވެ.