ހއ. އުތީމު ބަނދަރު ސަރަހައްދުގައި ގައުމީ ދިފާއީ ބާރުން ހަދާފައިވާ ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ދާދި ދެންމެ އިފްތިތާހުކޮށްފި އެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރުމަށް އުތީމު ތިން ބެއިން ކުރެއްވި ޖިހާދުގައި ބޭނުން ކުރެއްވި އޮޑި ' ކަޅުއޮށްފުންމި' ހުރި ގޮތް ކަމަށް ތާރީހުން އެނގޭ ގޮތަށް ސިމެންތިން ތައްޔާރުކޮށްފައިވާ ހަނދާނީ ބިނާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ އިހުތިފާލްތައް މިއަހަރު ބާއްވަނީ އުތީމުގަ އެވެ. އެގޮތުން ބާއްވާ ރަސްމީ ޖަލްސާ މިއަދު އެރަށުގައި އޮންނާނެ އެވެ. ރައީސް ޔާމީނު އެރަށަށް ވަޑައިގެންނެވީ އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށެވެ.

ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަނީ 15 އަހަރުގެ އަޅުވެތިކަމަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ދުވަސް ކަމަށްވާ ރަބީއުލް އައްވަލު މަހުގެ ފުރަތަމަ ދުވަހެވެ.