މޮރޮކޯގެ މަޒާގަން ގޮލްފް އެންޑް ބީޗް ރިޒޯޓްގައި ރޭ އޮތް ވޯލްޑް ޓްރެވެލް އެވޯޑް 2015'ގެ ގްރޭންޑް ފިނާލޭގައި ' ދުނިޔޭގެ އެއްވަނަ ގޮނޑުދޮށުގެ މަންޒިލް' ގެ އެވޯޑާއި އެހެން ގިނަ އެވޯޑްތައް ރާއްޖެއަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެއްވަނަ ގޮނޑުދޮށުގެ މަންޒިލްގެ އެވޯޑްގެ އިތުރުން ދުނިޔޭގެ އެއް ވަނަ އެއާޕޯޓް ރިޒޯޓްގެ އެވޯޑާއި އެއްވަނަ އަންޑަ ވޯޓާ ހޮޓެލް ރެސްޓޯރެންޓްގެ އެވޯޑާއި އެއްވަނަ ވޯޓާ ވިލާގެ އެވޯޑާއި އެންމެ ރޮމޭންޓިކް ރިޒޯޓްގެ އެވޯޑް ވެސް ލިބުނީ ރާއްޖެއަށެވެ.

ދުނިޔޭގެ އެއްވަނަ އެއާޕޯޓް ރިޒޯޓްގެ އެވޯޑް ލިބުނީ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. އަދި އެއްވަނަ އަންޑަ ވޯޓާ ހޮޓެލް ރެސްޓޯރެންޓްގެ އެވޯޑް ލިބުނީ އަނަންތަރާ ކިހަވަށް ވިލާސްއަށެވެ. އެއްވަނަ ވޯޓާ ވިލާގެ އެވޯޑް ލިބުނީ އަޔާދާ މޯލްޑިވްސްއަށެވެ. އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިޒޯޓަކަށް ހޮވުނީ ބަރޮސް މޯލްޑިވްސް އެވެ.

މުޅި ދުނިޔޭން ލިބުނު އެވޯޑްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބައެއް އެވޯޑްތައް ވެސް ރާއްޖެއަށް ލިބުނެވެ. އެގޮތުން އިންޑިއާ ކަނޑުގެ އެއްވަނަ އެއާޕޯޓަކަށް ހޮވުނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި އިންޑިއާ ކަނޑުގެ އެއްވަނަ ގޮނޑުދޮށުގެ މަންޒިލްގެ އެވޯޑާއި އެއްވަނަ ކަލިނަރީ ހޮޓަލުގެ އެވޯޑާއި އެއްވަނަ ގްރީން ރިސޯޓްގެ އެވޯޑާއި އެއްވަނަ ފެމިލީ ރިސޯޓާއި އިންޑިއާ ކަނޑުގެ އެއްވަނަ ހޮޓަލާއި އެއްވަނަ ހޮޓެލް ސުއިޓްގެ އެވޯޑް ވެސް ލިބުނީ ރާއްޖެއަށެވެ. މީގެ އިތުރުން ވެސް ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބުނެވެ.