މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުގެ މަޤާމަށް މާފަންނު ގުޑްނެސް އަޙްމަދު އިނާޒު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެ މަގާމު ދެއްވީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިނާޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަހްމަދު އިނާޒަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.