13 Dec 2015, 09:16
ދިމިޝްގު (ޑިސެމްބަރު 13) : ރަޝިޔާއާއި އެމެރިކާއަށް ވެސް ސޫރިޔާގެ ބިމަށް އެއްގަމު ސިފައިން ފޮނުވަން ނުކެރޭނެ ކަމަށް ސޫރިޔާގެ އެންމެ ބޮޑު ހަނގުރާމަވެރި އެއްޖަމާއަތް ކަމަށްވާ ޖަބްހަތުއްނުސްރާގެ ޒައީމް އަބޫމުހައްމަދުލްޖޫލާނީ ބުނެފި އެވެ.
އަލްގާއިދާ ޖަމާއަތުގެ ގޮތްޕެއް ކަމަށްވާ ޖަބްހަތުއްނުސްރާގެ ޒައީމް ބުނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ އެއްގަމުމަގުން ހަނގުރާމަ ކުރުމުގެ ގާބިލްކަން ރަޝިޔާގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންގެ ކިބާގައިވެސް ނެތްކަމުގަ އެވެ. ޖޫލާނީ ބުނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންދެކެ ރަޝިޔާގެ ސިފައިން ވެސް އަދި އެމެރިކާ ސިފައިންވެސް ބިރުގަންނާނެ ކަމަށާ އެމީހުންނަށް ސޫރިޔާގެ ބިމަށް ފައިބަންވެސް ނުކެރޭނެ ކަމުގަ އެވެ.
އެމެރިކާ ސިފައިންނަކީ ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ވަރުގަދައަށް ތަމްރީން ލިބިފައިވާ ލަޝްކަރުކަމަށް އެމެރިކާ ދައުވާ ކުރިނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ހަނގުރާމަވެރިންނާ ކުރިމަތިލައިގެންވެސް އެމެރިކާ ސިފައިން ވަނީ ބަލިވެފަ އެވެ. އަދި ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު 1990ގެ އަހަރުތަކުގައި އެގައުމަށް އެރި އެމެރިކާ ސިފައިންގެ ގްރޫޕެއް ހައްޔަރުކުރުމަށް ފަހު މަގުމަތީގައި ގަންހިންގައި މަރާލުމުން އެމެރިކާ ބިރުންވަނީ ސޮމާލިޔާއަށް ފޮނުވި އެމެރިކާ ސިފައިންގެ މުޅި ލަޝްކަރު ސިއްރިޔާތުގައި އެގައުމުން ބާލާފަ އެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް ސޮމާލިޔާއަށް އެއްގަމު މަގުން އަރަން އެމެރިކާގެ ބާރުގަދަ ލަޝްކަރުތައް ބިރުގަނެއެވެ.
އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކާ އަދި ރަޝިޔާއަށް ކުރަންކެރޭ ކަމަކީ ހަމައެކަނި ދުރުގައި ތިބެގެން ސޫރިޔާއަށް ވައިގެ ހަމަލާތަކާއި މިސައިލް ޙަމަލާތައް ދިނުމެވެ. ޖަބްހަތުއްނުސްރާ އަކީ ހުޅަނގުންނާއި އިސްލާމީ ގައުމުތަކުންވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ ހަރުކަށި ޖަމާއަތެކެވެ. ނަމަވެސް އެ ޖަމާއަތުގެ އެންމެ ބޮޑު ހަތުރަކީ އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތެއްގެ ނަމުގައި ޓެރަރިސްޓް ހާލިތަކެއް ހަދައިގެންއުޅޭ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތެވެ. އައިއެސް ޖަމާއަތުންވަނީ އެޖަމާއަތުގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވުނު ޖަބްހަތުއްނުސްރާގެ ހުރިހާ އަސީރުން ކަތިލައި އެމީހުންގެ ބޯކަނޑާލާފައެވެ. އައިއެސް އަކީ އެޖަމާއަތާ އިދިކޮޅު ކޮންމެ ބަޔަކީ ކާފަރުން ކަމަށް ދައުވާކުރާ ތަކްފީރީ ޖަމާއަތެކެވެ.
އަބޫމުހައްމަދުލްޖޫލާނީ މިމޭރުމުން ވާހަކަ ދައްކާފައިމިވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ހިންގާ ޓީވީ ޗެނެލްއަކަށް ދިން ބަސްދީގަތުމެއްގަ އެވެ. (ނޫސްއެޖެންސީތައް)