ޕެރިސް (ޑިސެމްބަރު 13) : ދުނިޔޭގެ މިހާރުގެ އެވްރެޖް ފިނިހޫނުމިން ދެޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދީ (1.5 ޑިގްރީ ސެލްސިޔަސްގައި) ހިފެހެއްޓުމުގެ ވައުދާ އެކު، ޕެރިހުގައި ކުރިއަށްދިޔަ މޫސުމާބެހޭ އދ.ގެ މަހާސިންތާ ނިންމާލައިފި އެވެ.
މިމަހާސިންތާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބައިވެރިން މިކަމަށް އެއްބަސްވެފައި ވަނީ ދެހަފްތާއަށްވުރެ ވެސް ދިގު މުއްދަތަކަށް ކުރިޔަށްދިޔަ ހޫނު ބަހުސްތަކާއި ޒުވާބުތަކަށްފަހުގަ އެވެ. މި މަހާސިންތާ ނިންމާލާފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އެއްދުވަސް ލަހުން ކަމަށްވިޔަސް މަހާސިންތާގެ ނިންމުން ރަނގަނޅު ކަމަށް ދުނިޔޭގެ ލީޑަރުން ވަނީ ސިފަކުރައްވައިފަ އެވެ. މިގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވަނީ މިއީ ދެމެހެއްޓެނިވި ގޮތުގައި ދުނިޔެ ހިމާޔަތް ކުރުމަށާއި ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސިފަ ކުރައްވައިފަ އެވެ.
މި މަހާސިންތާގެ ރިޔާސަތު ބެލެހައްޓެވި ފަރަންސޭސި ޚާރިޖީ ވަޒީރު ލޯރެން ފެބިއޮސް ވަނީ މިއީ ތާރީޚީ އެއްބަސްވުމެއް ކަމަށް ސިފަކުރައްވައިފަ އެވެ. ފެބިއޮސް ވިދާޅުވީ މިއެއްބަސްވުން ދުނިޔޭގެ ގައުމުތަކުން ބަލައިގެން އެއާއެއްގޮތަށް އަމަލުކުރުމަށް އަޒުމު ކަނޑައަޅައިފި ނަމަ މިއީ ގާނޫނީ ބާރާ އެއްވަރުގެ ބާރެއް ލިބިގެންވާ އެއްބަސްވުމަކަށް ވެގެންދާނެކަމުގަ އެވެ. ނަމަވެސް މުރާސިލުން ބުނާގޮތުގައި މިއެއްބަސްވުމަކީ އެއާއެއްގޮތަށް އަމަލުކުރުން ދުނިޔޭގެ ގައުމުތަކަށް ގާނޫނީ ގޮތުން މަޖްބޫރު އެއްބަސްވުމެއް ނޫނެވެ. ގާނޫނީ ގޮތުން މަޖްބޫރުކަމެއް ނެތުމުން މިއެއްބަސްވުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން އަމަލުކުރުމަކީ ދުރުކަމެއްކަމަށް މުހައްލިލުން ދެކެއެވެ.
ކޮޕް 21 ގެ ނަމުގައި ޕެރިހުގައި ކުރިޔަށްދިޔަ ދުނިޔޭގެ މޫސުމާ އަދި ތިމާވެއްޓާބެހޭ މަހާސިންތާގެ އަމާޒަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ގައުމުތަކުން އެއްބަސްވި ކިޔޯޓޯ މުއާހަދާގެ މުއްދަތު ހަމަވާތީ އެމުއާހަދާފަދަ އެހެން އެއްބަސްވުމެއް ވުޖޫދަށް ގެނައުމެވެ. މިފަދަ އެއްބަސްވުމެއްނެތި ތިމާވެށި ޙިމާޔަތް ނުކުރެވޭނެކަމާ އަދި ދުނިޔޭގެ މިހާރުގެ އެވްރެޖް ފިނިހޫނުމިން މައްޗަށްދާ މިންވަރު ކޮންޓްރޯލް ނުކުރެވޭނެކަމަށް ދުނިޔޭގެ ލީޑަރުންނާއި އދ. އާ އަދި ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ދެކެއެވެ.

ކިޔޯޓޯ މުއާހަދާއަކީ 11 ޑިސެމްބަރު 1997 ގައި ދުނިޔޭގެ ގައުމުތަކުން ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ވެފައިވާ މުއާހަދާއެކެވެ. މިމުއާހަދާގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރު އެވެ. ޕެރިހުގައި ދާދިދެންމެއަކު ނިންމާލި މޫސުމާބެހޭ އދ.ގެ މަހާސިންތާ އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ހިމެނޭ އެންމެ މުހިއްމު އެއްނިންމުމަކީ ދުނިޔެ ހޫނުކުރާ ކާބަން ގޭސްތައް ޖައްވަށް ފޮނުވުން މަދުކުރުމަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ އުތުރުގެ މުއްސަނދި ގައުމުތަކުން ދެކުނުގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް 100 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވި އެއްބަސްވުމެވެ.

މި އެހީ ދޭން ފަށާނީ 2020 ގެ ފަހުން އަހަރުތަކަކަށް ބަހާލައިގެންނެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކުން ތަރައްގީވެފައިވާ ގައުމުތަކުގެ ކިބައިން އެދެމުންގެންދިޔަ އެދުމެކެވެ. މިކަމުގެ ސަބަބުން ކޮޕް 21 މަހާސިންތާގައި ތަރައްގީވަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުގެ މަންދޫބުންގެ މެދުގައި ވަރުގަދަ ޖަދަލުތަކަކާއި ބަހުޘް ތަކެއް ހިނގައިގެން ދިޔައެވެ. ކޮޕް 21ގެ މަހާސިންތާއިން ނިންމި އެހެން ނިންމުންތަކުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސް މިންވަރު ދަށްކުރަމުން ގެންދިޔުމާއި މި މަހާސިންތާގެ ނިންމުންތައް ދުނިޔޭގެ ގައުމުތަކުން ތަންފީޒު ކުރަމުންގެންދާ މިންވަރު ކޮންމެ 5 އަހަރަކުން ބަލައި މުރާޖަޢާ ކުރުންވެސް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)