ހުޅަނގު އެފްރިކާގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާއަކީ އިސްލާމީ ޖުމްހޫރިއްޔާއެއް އޮތް ގައުމެއް ކަމަށް އެގައުމުގެ ރައީސް ނިންމަވައިފި އެވެ.

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމޭހް އެކަން އިއުލާންކުރެއްވީ އެގައުމުގެ ވެރިރަށް ބަންޖުލްގައި ބޭއްވި ސިޔާސީ އެއްވުމަކަށްފަހު އެވެ. އަދި އޭނާ ވަނީ އެކަން ދައުލަަތުގެ ޓީވީ މެދުވެރިކޮށް ވެސް އިއުލާންކުރައްވާފަ އެވެ.

ރައީސް ޖަމޭހް އެގޮތަށް ނިންމެވީ އެގައުމުގެ ގިނަ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާތީއާއި އެގައުމުގައި ކުރިން އޮތް އިސްތިއުމާރަށް ނިމުމެއް ގެނައުމަށެވެ.

"ގައުމުގެ ދީނީ ވަހުދަތާ އަސާސުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ގެމްބިއާއަކީ އިސްލާމީ ދައުލަތެއް ކަމަށް ކަނޑައަޅައިފިން،" ގެމްބިއާގެ ލީޑަރު ވިދާޅުވި އެވެ.

އާބާދީގައި 1.8 މިލިއަން މީހުން ދިރިއުޅޭ ގެމްބިއާގެ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުންނެވެ.

ވޭތުވެދިޔަ 21 އަހަރު ގެމްބިއާގެ ރައީސްގެ މަގާމުގައި ހުންނެވި ޖަމޭހް ވިދާޅުވީ، ގެމްބިއާއަކީ މުސްލިމް ގައުމެއް ގޮތުގައި ކަނޑައެޅި ނަމަވެސް އެގައުމުގައި ނިސްބަތުން މަދު ކްރިސްޓިއަން ޖަމާއަތަށް ލިބިދޭންޖެހޭ ހައްގުތަކާ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން، އެހެން ދީނީ ފިކިރުތަކުގެ މީހުންނަށްވެސް މިނިވަންކަމާއެކީގައި އުޅެވޭނެ ކަމުގެ ޔަގީންކަން ގެމްބިއާގެ ރައީސް ދެއްވި އެވެ.

ގެމްބިއާގެ އާބާދީގެ އަށް ޕަސެންޓަކީ ކްރިސްޓިއަނުންނެވެ.

"ގެމްބިއާއަކީ ގައުމުގެ ރައްޔިތުންނާއި އެހެންގައުމުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކުރާ އިސްލާމީ ގައުމަކަށް،" ހެދުން އެޅުމުގައި ވަކި އުސޫލުތަކެއް ގެންގުޅެންނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޖަމޭހް ވިދާޅުވި އެވެ.

ކޮމަންވެލްތަކީ އާ އިސްތިއުމާރެއް ކަމަށް ބުނެ 2013 ވަނަ އަހަރު ކޮމަންވެލްތުން ވަކިވެފައިވާ ގެމްބިއާ އަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށް އިގްތިސާދުގެ ބޮޑުބައެއް ބަރޯސާވެފައި އޮންނަ ގައުމެކެވެ.

އެގޮތުން، ރީތި ގޮނޑުދޮށްތަކެއް އޮންނަ ގެމްބިއާއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލް މަންޒިލެކެވެ.

މައުލޫމާތު: ނޫސް އެޖެންސީތައް