ހޮންޑިރަސްގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ އާނޯލްޑް ޕެރަލްޓާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޕެރަލްޓާގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވަނީ، ޝޮޕިންގ ސެންޓަރެއްގެ ކައިރީގައި ކާރު ޕާކްކޮށްގެން އިންދައެވެ.

އެ ހަމަލާ އޭނާއަށް އަމާޒުވީ ކީއްވެގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު މީގެކުރިން ވަނީ ސްކޮޓްލޭންޑްގެ ކްލަބެއް ކަމަށްވާ ރޭންޖާސްއަށް ވެސް ކުޅެފައެވެ.

ހޮންޑިއުރަސްއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ގްރޫޕް މާރާމާރީ އާއި މީހުން މެރުމުގެ ކުށް ފަދަ ބޮޑެތި ޖަރީމާތައް ހިންގުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.

ބީބީސީ އިން ރިޕޯޓް ކުރި ގޮތުގައި ގަޔަށް ބަޑި ޖަހައި މަރާލާފައި ވާއިރު އޭނާގެ އަތުން އެއްވެސް އެއްޕެރަލްޓާ ޗެއް ގެންގޮސްފައެއް ނުވެއެވެ. އެހެން ކަމުން އެއީ ފޭރުމުގެ ބޭނުމުގައި ކުރި ކަމެއްކަމަކަށް ނުބެލެވެއެވެ.

ހޮންޑިއުރާސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައިވަނީ ޕެރަލްޓާ މަރާލި ޚަބަރު އަޑު އެހީ ފުން ހިތާމަ އާއިއެކު ކަމަށާއި މި ހިތާމަވެރި ހާދިސާގައި މަރުވި ޕެރަލްޓާގެ އާއިލާއަށް ފުޓްބޯޅަ ފެޑެރޭޝަނުގެ ނަމުގައާއި ހޮންޑިއުރަސްގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ނަމުގަ ތައުޒިޔާ ކިޔާ ކަމަށެވެ.

ޕެރަލްޓާ ވަނީ 2012 ވަނަ ބޭއްވި އޮލިމްޕިކް ގޭމްސްގައި ބައިވެރިވެފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާއަކަށް ނުކުޅެވެއެވެ.

ނަމަވެސް، އެކުވެރިކަމުގެ މެޗެއްގައި އަންނަ ހަފްތާގައި ކިއުބާ އާ ދެކޮޅަށް ހޮންޑިއުރާސް ކުޅޭ މެޗަށް ނެގި ސްކޮޑްގައި ޕެރަލްޓާ ހިމެނުނެވެ.