12 Dec 2015, 22:02
ތަފަތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބައެއް ތަކެތި މިއަދު ނައްތާލާފިއެވެ.
ދޫނިދޫގައި ނޫސްވެރިންގެ ހާޒިރުގައި މިއަދު ނައްތާލާފައި ވަނީ 2010 އިން ފެށިގެން 2015 ވަނައަހަރާ ހަމައަށް ހުށަހެޅިފައިވާ 359 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ޝަރުއީ މަރުހަލާ ނިމިފައިވާ ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.

ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
މިއަދު ހަވީރު ދޫނިދޫގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 680 ފުޅި ރަލާއި 590 ދަޅު ބިޔަރާއި 20 ހަން ބަނގުރަލެވެ. އަދި އެހެނިހެން 25 އެއްޗެއް ވެސް ވަނީ ނައްތާލާފައެވެ.

ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ނައްތާލަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
ފުލުހުން އެ ތަކެތި ނައްތާލާފައިވަނީ ދޫނިދޫ އަތިރި މަތީގައި ބޮޑު ވަޅުގަނޑެއް ކޮނުމަށް ފަހު ރާ ފުޅިތަށް އެ ވަޅުގަނޑަށް އޮށްސައިގެންނެވެ.

ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ފުޅިތަކެއް --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބަނގުރާ ނައްތާލުމަށް އެކުލަވާލެވިފައިވާ ކޮމެޓީގެ މެމްބަރުންނެވެ.
މީގެ ކުރިން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަގައި ޝަރުއީ މަރުހަލާ ނިމިފައިހުރި ތަކެތި ނައްތާލާފައެވެ. އެގޮތުން އެންމެ ފަހުން މިއަހަރުގެ މޭ 17 ވަނަ ދުވަހު ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލާފައެވެ.