12 Dec 2015, 19:53
ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ 150،000 ރުފިޔާގެ އަގު ބޮޑު ފުޓުބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
'ސިޔާމު މައުރޫފް ސޮކާ ކަޕް' ގެ ނަމުގައި ބާއްވާ އެމުބާރާތް ފައްޓަވައި ދެއްވީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފެވެ.

އެމުބާތާތައް ޚައްސަކޮށް ފަރުމާކޮށްފައިވާ ޓޮރޮފީ ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ތައާރަފްކޮށްދެއްވާފައެވެ. މިއަހަރު ނ. ކުޑަފަރީގައި ބާއްވާ އެމުބާރާތުގައި ޖުމްލަ ނުވަ ރަށަކުން ވާދަ ކުރެއެވެ. ނުވަ ޓީމް ދެ ގުރޫޕަކަށް ބަހާލައިފައިވާއިރު މިއަދު ގުރޫޕް 'އޭ' ގައި ކެނދިކުޅުދޫ އާއި ލަންދޫ ވާދަ ކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.

މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މަނަދޫއާއި މަގޫދޫއެވެ. ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަފް ޓީމަށް 50،000 ވަނީ ހުށަހަޅާފައެވެ.
ނ. އަތޮޅަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް 100،000 ރުފިޔާއަށް ވުރެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މައުރޫފްގެ ވައުދެކެވެ. މިދިޔަ އަހަރު ބާއްވަންފެށި އެމުބާރާތް ބާއްވާފައިވަނީ އަލީ މައުރުފް އިންވިޓޭޝަނަލް ކަޕްގެ ނަމުގައެވެ.
