10 Apr 2011, 14:41
ޓްރިޕޮލީ : ލީބިޔާއަށް ކުރިމަތިވެފައިވާ ދާޚިލީ މައްސަލަ ޙައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އެފްރިކާގެ ބައެއް ޤައުމުތަކުގެ އިސްވެރިންގެ ޚާއްސަ ވަފްދެއް މިއަދު ލީބިޔާއަށް ދާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ދެކުނު އެފްރިކާގެ މީޑިޔާ ބުނާގޮތުން މި ވަފްދުގެ ވެރިއަކަށް ހުންނަވާނީ އެޤައުމުގެ ރައީސް ޖާކޯބް ޒޫމާ އެވެ. ޒޫމާގެ އިތުރުން ކޮންގޯ، މާލީ، މޮރިޓޭނިޔާ، އަދި ޔުގަންޑާގެ ރައީސުން މިވަފްދުގައި ހިމެނިވަޑައިގަންނަވާ ކަމަށްވެސް ދެކުނު އެފްރިކާގެ މީޑިޔާ ބުނެ އެވެ.
އެފްރިކާގެ އިސްވެރިންގެ މިވަފްދުގެ ބޭނުމަކީ ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީގެ ނިޒާމާއި އެނިޒާމް ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކާ ދެމެދު މެދުވެރިއެއްގެ ބައި އަދާކޮށް ލީބިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރުމެވެ.
މިވަފްދުގެ ބޭފުޅުން މިއަދު ގައްޒާފީއާއި އޭނާގެ އިސް އެހީތެރިންނާ ޓްރިޕޮލީގައި ބައްދަލު ކުރައްވާނެ އެވެ. އެއަށްފަހު މި ވަފްދުގެ ބޭފުޅުން ބެންޣާޒީއަށް ވަޑައިގެން ލީބިޔާގެ އިދިކޮޅު އިންތިޤަލީ މަޖިލީހުގެ ރައީސް އާއި އެމަޖިލީހުގެ އިސްވެރިންނާ ބައްދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ލީބިޔާއަށް ޒިޔާރަތްކުރާ އެފްރިކާގެ ސުލްހައިގެ ވަފްދު ވައިގެ މަގުން ލީބިޔާއަށް ދިޔުމުގެ ފުރްސަތު ދޭނެކަން ނޭޓޯއިން ހާމަކުރެ އެވެ. ނޭޓޯ ގެންދަނީ ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކުރި ޤަރާރު ތަންފީޒު ކުރުމުގެ ނަމުގައި ލީބިޔާއާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ލީބިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމާބެހޭ ގޮތުން އެފްރިކާގެ މިވަފްދު ގެންގުޅޭ ޕްލޭންގެ ތަފްސީލް އަދި އެނގިފައެއް ނުވެއެވެ. (އަލްޖަޒީރާ)