މިދިޔަ އޮކްޓޯބަރު މަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނަކަށް އިންޑިއާގައި ފަރުވާދެމުންދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް އިއްޔެ މަރުވީ ތ. ތިމަރަފުށީ ވާދީގޭ އަހްމަދު މާރިޝް އެވެ.

މާރިޝްގެ އާއިލާއާ ހަވާލާދީ ތިމަރަފުށީ ކައުންސިލް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ޗެންނާއީގެ ހޮސްޕިޓަލެއްގައި ކަމަށެވެ. ނަމަވެސް އެ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ބެންގަލޫރުގެ ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ މާރިޝް މަރުވީ ހާލުއިތުރަށް ގޯސްވެގެން އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ 2:30 އެހައިކަންހާއިރު ކަމަށެވެ.

އިސްމާއީލް ވިދާޅުވީ އެ އެކްސިޓެންޓު ހިނގަން މެދުވެރިވީ މަޖީދީމަގު ނަލަހިޔާ ކައިރިން ބާރު ސްޕީޑުގައި މާރިޝް ސައިކަލް ދުއްވުމުން ކަމަށެވެ. އޭނާ ސައިކަލް ދުއްވިލެއް ބާރުކަމުން ސައިކަލް ކޮންޓްރޯލްނުވެ އެތަނުގައި ހުރި ހުރިހާ ކޯނުތައް ވެއްޓިފައިވާއިރު، އޭނާ ވިއްސައިގެން ގޮސް ފަހާމާސް ފިހާރަ ކައިރިއަށް ވެއްޓިފައިވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.

"އެ އެކްސިޓެންޓު ހިނގަން މެދުވެރިވީ އިތުރު އެއްވެސް މީހެއްގެ ކުށަކުން ނޫން،" އިސްމާއީލް ވިދާޅުވި އެވެ.

މާރިޝް އަކީ އެއްވެސް މައްސަލައެއްގައި ފުލުހުން ހޯދަމުންދިޔަ މީހެއް ނޫން ކަމަށާއި ހަމައެކަނި ފުލުހުންނަށް ފާހަގަކުރެވުނީ އެކްސިޑެންޓު ހިނގިރޭ އޭނާ ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަން އެކަނި ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.