ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން އެމަނިކުފާނު ނިންމަވައިފި އެވެ.

މިއަދު އެމަނިކުފާނުގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އިބްރާހީމް ރިއްފަތު ވިދާޅުވީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިނމީ ކްރިމިނަލް ކޯޓުން މައްސަލަ ބެލި ދެ ފަނޑިޔާތަކު މިހާރު އެކޯޓުގައި ތިއްބެވުމުން ކަމަށެވެ.

"ދިވެހި ރާއްޖޭގެ ހައިކޯޓުގެ މާލޭ ބްރާންޗުގައި މިހާރު މި ތިއްބަވަނީ އެކު ޖުމްލަ ފަސް ފަނޑިޔާރުން. އެ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ދެ ފަނޑުޔާރުން ކަމުގައިވާ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ސުޖާއު އުސްމާނަކީ ކްރިމިނަލް ކޯޓުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޓެރަރިޒަމްގެ މައްސަލާގައި އަމަލީ ގޮތުން އެ މައްސަލާގައި އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން،" ރިއްފަތު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ހިންގާފައި ވަނީ ޓެރަރިޒަމްގެ ޝަރީއަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އާ ގާނޫނުލް އުގޫބާތުގެ ދަށުން އެ މައްސަލައިގެ ޝަރީއަތް ހިންގައިފިނަމަ، މައްސަލަ ސާބިތުވެއްޖެނަމަ ރައީސް ނަޝީދަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެމަނިކުފާނަކީ ގޮތް ދޫކުރައްވާ ބޭފުޅެއް ކަމަށާއި އިސްތިއުނާފު މަރުހަލާ ފުރިހަމަ ކުރަން ބޭނުންފުޅުނުވާ ކަމަށް ކުރިން ވިދާޅުވިޔަސް އެ ނިންމުން ބަދަލުކުރައްވާފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި އަދަބެއް ރައީސް ނަޝީދަށް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކުރިން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ބޭނުންވަނީ ސިޔާސީ ހައްލެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ އެ ހުކުމުގެ ޝަރުއީ މަރުހަލާތައް ފުރިހަމަ ނުކުރަނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމަވާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ އިސްތިއުނާފު ކުރުމުން ، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައި ވަނިކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ހައިކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުންނެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްލި އިރު، އެ މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަންބޮޑުވުންފާޅުކުރައްވާ ހުރިހާ ނުކުތާތަކަށް އެ ކޯޓުގެ ހުކުމަކުން ވަނީ ޖަވާބުދީފައެވެ.

އެ ނުކުތާތަކާ މެދު ހައިކޯޓުން ކަނޑައަޅާފައި ވަނީ ދައުލަތުން އެ ނުކުތާތަކާ މެދު ދެކެނީ ރަނގަޅަށް ކަމަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ސިފައިންގެ ޓްރެއިނިން ރަށެއްކަމުގައިވާ ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ބަހައްޓާފައިވާތީ އެވެ.