ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ސަރުކާރުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އާޒިމާ މަސައްކަތް ކުރައްވަން ފަށާފައިވާތާ މިހާރު ތިން ހަފްތާ ވަރު ވެދާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ އެ މަގާމަކީ އެއްވެސް ސިޔާސީ މަގާމެއް ނޫން ކަމަށެވެ.

"ސަރުކާރަށް ކޮންސަލްޓެންސީ ދެއްވުމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައީސް އޮފީހުގައި." މުއާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އާޒިމާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އެކި ހަފްލާތަކުގައި ވެސް އާޒިމާ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުން ނެވެ.

އާޒިމާ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.