މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމޭއިރު ޗެލްސީއާއެކު ލީގުގެ ހަތަރު ވަނަ ހޯދަން ބޭނުންވާ ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ޗެލްސީ އަށް މިސީޒަނުގައި އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކި މިހާރު އޮތީ 15 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ނެތުމުން ޗެލްސީގެ އަމާޒަކީ މިހާރު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ގަދަ ހަތަރަކުން ޖާގަ ހޯދުމެވެ.

"މިދިޔަ އަހަރު މި ޓީމްގައި ތިބި ވަރަށް މޮޅު ކުޅުންތެރިން ތަކެއް. މި ސީޒަނުގައި އެ ކުޅުންތެރިންގެ ފަރާތުން ވެސް ފެންނަނީ ފޯމް ގެއްލި ވަރަށް ދަށް ކުޅުމެއް. އެހެން ނަމަވެސް ޓީމްގެ ކުޅުންތެރިނާއި މެނޭޖްމަންޓަކާއި ވެސް ނެތް އެއްވެސް މައްސަލައެއް،" މޮރީނިއޯ ބުންޏެވެ.

ލީގުގައި ޗެލްސީ ދެން އެންމެ އަވަހަށް ބައްދަލުކުރާނީ މިހާރު އެއްވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުން ބަލިވެ އަދި އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ ރެލިގޭޝަން ވެސް ވެއްޓިދާނެ އެވެ.

އެކަމުގެ ސަބަބުން ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. މޮރީނިއޯ އަށް ވަނީ ޗެލްސީގެ ކޯޗު ކަމުގެ މަގާމު ވެސް ގެއްލިދާނެ ކަމުގެ ބިރު ވެސް މިހާރު ހީވެފަ އެވެ.

ނަމަވެސް މޮރީނިއޯ ބުނީ ޗެލްސީއާ އެކު އޭނާ ހަދާފައިވާ ތިން އަހަރާ ބައިގެ ކޮންޓްރެކްޓް ހަމަވަންދެއް ކްލަބުގައި ހުންނާނެ ކަމަށެވެ.