ހުޅުމާލޭގައި ފުލުހުންނަށް އަޅަމުންދާ ފްލެޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް އެ މަސައްކަތް ކުރެވެން ނެތުމުން އެ ފްލެޓުތައް އަޅާ ދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ހުޅުމާލޭގައި ފުލުހުންނަށް އަޅަމުންދާ 300 ފުލެޓުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ވަކި ބަޔަކާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް އެ ފަރާތަށް ކުރެވެން ނެތް ކަމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"ދެން މިހާރު ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އަންނަނީ އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަމުން. އެގޮތުން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް އެ ސޮސައިޓީން އަންނަނީ ކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ފުލެޓުތައް އިމާރާތް ކުރާނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރުމުގެ ބަދަލުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 210 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 90 އެޕާޓްމަންޓް އިމާރާތް ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.