12 Dec 2015, 13:04
ތަފާތު ސަބަބުތަކާ ހުރެ ނިޒާމީ ތައުލީމުގެ މަރުހަލާ ފުރިހަމަ ނުވެ ތިބި ފުރާވަރުގެ ކުދިންނާއި ޒުވާނުން ވަޒީފާއަށް އަހުލުވެރިކޮށް ސިފަވަންތަ ބަޔަކަށް ހެދުމުގެ މަގްސަދުގައި ފުވައްމުލަކުގައި ކޭމްޕެއް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓުމަންޓާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ، ޔުނިސެފް އަދި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން 16 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ކޭމްޕުގައި ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލިވެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން ޒުވާނުންނަށް ދިރިއުޅުމުގެ ހަރުދަނާ އުސޫލުތައް ދަސްކޮށްދީ، ދީނީ ކަންތައްތަކަށް ބާރު އަޅައި، ޒިންމާދާރު ދިރިއުޅުމެއް އުޅުމަށް ކޭމްޕު ތެރޭގައި ބާރު އެޅިގެން ދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ހަމަ އެހެންމެ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކަސްރަތުގެ މުހިއްމުކަމާއި، ކުށުގެ ނުރައްކަލުގެ ތެރެއަށް ނުގޮސް ޒިންމާދާރު ރަށްވެއްސެއްގެ ގޮތުގައި މުޖުތަމައުގައި ދެމި ހުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައި ދެވޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސާޅީސް ހަތަރު ބައިވެރިންނާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޭމްޕުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައި ވަނީ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާ ލިބިފައި ތިބި ފަރާތްތަކުންނެވެ.