ށ. ފުނަދޫ އާއި ފޯކައިދޫ ޓީމް ކުޅުނު މެޗަށް ފަހު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުނަދޫ ޓީމްގެ އޮފިޝަލަކު ހައްޔަރުކޮށްފިއެވެ.

ށ. އަތޮޅު ކައުންސިލް ގެ ފަރާތުން އެ އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ "ވިއަވަތި ޕްރޮމޯޝަނަލް ކަޕް"ގައި އިއްޔެ ހަވީރު ކުޅުނު ސެމީފައިނަލް މެޗް 0-1 ގެ ނަތީޖާއަކުން ފޯކާއިދޫ ޓީމް ކާމިޔާބް ކުރުމަށް ފަހު ވަނީ ދަނޑުގައި ހަމަނުޖެހުން ތަކެއް ހިނގައިފަ އެވެ. އަދި ފުނަދޫ ޓީމަށް ޖެހުނީ ރަށަށް ނުގޮސް ދަނޑުގެ ޗޭންޖިން ރޫމުގައި ދޮޅު ގަޑިއެއްހާ އިރު މަޑުކުރާ ށެވެ.

ނަމަވެސް ފުލުހުންގެ އެހީތެރިކަމާއި އެކު ރޭ ވަނީ އެ މައްސަލަ ހައްލު ކުރެވި ފުނަދޫ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ރައްކާތެރިކަމާއެކު ފޯކައިދޫން ފުރުވާލާފައެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ފޯކައިދޫ ދަނޑުގައި ކުޅުނު މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފުނަދޫ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރައްކާތެރިކަމާއެކު ބޯޅަ ދަނޑުގައި ބޭތިއްބުމަށް ފަހު ދެ ޓީމްގެ އޮފިޝަލުންނާ ވާހަކަދައްކައި ސުލްހަވެރިކަމާއެކު އެ މައްސަލަ ހައްލު ކޮށްފައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާއަށްފަހު ފުނަދޫ ޓީމުގެ އޮފިޝަލަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މެޗަށްފަހު ހިނގި ހަމަނުޖެހުމުގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފޯކައިދޫގައި އިއްޔެ ހަވީރު ކުޅުނު މެޗަށްފަހު ހިނގި މާރާމާރީއާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "ސަން"އަށް އިއްޔެ ވިދާޅުވީ މާރާމާރީ ހިނގަން މެދުވެރިވީ މެޗު ނިމުމުން، ފުނަދޫ ޓީމުގެ ބެންޗުގައި އިން ކުޅުންތެރިއަކު ދަނޑަށް އަރައި، ފޯކައިދޫ ޓީމުގެ ކުޅުންތެރިއަކާ މާރާމާރީ ހިންގުމުންނެވެ.