ބަޣްދާދު : ޢިރާޤަށް އަރައިތިބި އެމެރިކާގެ އިސްތިޢްމާރީ ސިފައިން ފޭބުމަށާއި ޢިރާޤަށް ހަޤީޤީ ޑިމޮކްރަސީ ގެނައުމަށް ގޮވާލައި ޢިރާޤުގެ އެކިކަންކޮޅުތަކުގައި އެޤައުމުގެ އެތަށްހާސްބަޔަކު މުޒާހަރާކޮށް އިޙްތިޖާޖް ކޮށްފިއެވެ.

މުޒާހަރާކުރި މީހުން ގެންދިޔައީ ދިޔައީ ބައިނަލްއަޤްވާމީ ޤަނޫނަށް ގޮންޖެހުމަށްފަހު އެމެރިކާ ސިފައިން ޢިރާޤަށް އަރައި ހަނގުރާމަކޮށް ޢިރާޤުގެ އެތަށް ލައްކަބަޔަކު މަރައި ޤައުމު ސުންނާފަތިކޮށް ޓެރަރިޒަމްގެ ހާއްޔަކަށް ޢިރާޤު ހަދާފައިވާތީ މިކަމުގެ ބަދަލު ޢިރާޤު ރައްޔިތުންނަށް އެމެރިކާ ދޭންޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

ޢިރާޤަށް އެމެރިކާ އަރައިގަތްތާ އަށްއަހަރު ފުރުމުގެ ބޮޑު ކާރިޘާ ފާހަގަ ކުރުމަށް ޢިރާޤުގެ ރައްޔިތުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކުރި މިމުޒާހަރާގައި ޢިރާޤުގެ ސުންނީންނާއި ޝިޔަޢީންނާއި ކުރުދީންވެސް ބައިވެރިވި ކަމަށް އަލްޖަޒީރާގެ މުރާސިލް ބުނެއެވެ.

މުޒާހަރާކުރި މީހުން ވަނީ އެމެރިކާ ސިފައިންގެ އިތުރުން ޢިރާޤުގެ މިހާރުގެ ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮށްކޮއެއް ކަމަށް ސިފަކޮށް ޢިރާޤުގެ ސަރުކާރުވެސް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ މުރާސިލުން ހާމަކުރާ ގޮތުގައި ޢިރާޤުގެ ސަލާމަތީ ބާރުތަކުންވަނީ ސުލްޙަވެރިކަމާއެކު މުޒަހަރާކުރި މީހުންނަށް ހުރަސްއަޅައި އެންމެފަހުން ކަރުނަ ގޭހާއި ލަޓިބުރިވެސް އެމީހުންނާ ދެކޮޅަށް ބޭނުން ކޮށްފައެވެ.

މިމުޒާހަރާތައް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޢިރާޤުގެ ފައުންޑިން ކޮންގްރެސްގެ ތަރްޖަމާން އައްޝައިޚް ޢަލީ އައްޖައްބޫރީ ވަނީ ޢިރާޤާ ދެކޮޅަށް އެމެރިކާކުރި ހަނގުރާމައިގެ ސަބަބުން ޢިރާޤު މުޅިން ފުނޑުފުނޑުވެ ސްޓޯން އޭޖްގެ ދުވަސްވަރަށް ޢިރާޤު ވެއްޓިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ މިކަމުގެ ބަދަލު އެމެރިކާގެ ކިބައިން ހޯދުމަށް ޢިރާޤު ރައްޔިތުން މަސައްކަތްކުރާނެ ކަން ހާމަކުރައްވާފައެވެ.

ޢިރާޤަށް އެމެރިކާ ގެނައި އިސްތިޢްމާރީ ޑިމޮކްރަސީގެ ބަދަލުގައި ޙަޤީޤީ ޑިމިކްރަސީ ގެނައުމަށްޓަކައި ޢިރާޤުގައި އަލުން ޤާނޫނު އަސާސީއެއް އެކުލަވާލައި ދެފުށްފެންނަ، މަޒްހަބީ، ނަސްލީ ބައިބައިވުންތައް ނެތް އެއްބައިވަންތަ ޤައުމަކަށް ޢިރާޤު ހެދުމަށް ރައްޔިތުން ބޭނުންވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.

އަނެއްކޮޅުން އިރާޤަށް ސިއްރިޔާތުގައި ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްވަނީ މިއަހަރު ތެރޭގައި ޢިރާޤުން އެމެރިކާ ފޭބިނަމަވެސް އެމެރިކާ ސިފައިންގެ މަދުބަޔަކު އެތަށް އަހަރަކަށް ޢިރާޤުގައި ބައިތިއްބާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޢިރާޤާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން އެެމެރިކާގެ ޢިސްތިޢްމާރީ ބާރުތައް އިރާޤުން ފައިބަންޖެހެއެވެ. ނަމަވެސް ޢިރާޤުގެ ސިފައިންނަށް ތަމްރީން ދިނުމުގެ ނަމުގައި އެމެރިކާގެ މަދު ޢަދަދެއްގެ ޢަސްކަރީ ތަޖްރިބާކާރުންނާއި މުދައްިރިބުން އެތަށް އަހަރެއްވަންދެން ޢިރާޤުގައި ބޭތިއްބޭތޯ އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)