12 Dec 2015, 11:44
ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އަރިހުގައި ޖިހާދުގައި ބައިވެރި ވެވަޑައިގެންނެވި އަބްތާލުން ދެއްކެވި ހިތްވަރުގެ ނަމޫނާއި ޒުވާން ޖީލު އިބުރަތް ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ގޮވާލައްވައިފި އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބެއްގައި ރައީސް ވިދާޅުވެފައި ވަނީ ދީނާއި މިނިވަންކަން ހިމާޔަތް ކުރުމުގެ އަޒުމު އާ ކުރެއްވުމަށް ވެސް ގޮވައިލައްވާ ކަމަށެވެ.
"...ބޮޑުތަކުރުފާނާއި، އެ ތަކުރުފާނާ އެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން އެ ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން އަޅުގަނޑުމެންގެ މިއަދުގެ ޒުވާން ޖީލު ޢިބްރަތް ޙާޞިލު ކުރުމަށް އަޅުގަނޑު ގޮވާލަމެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ދީނާއި ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޢަޒުމު އާކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަމެވެ،" ރައީސްގެ ބަޔާނުގައިވެ އެވެ.
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ ނުގުޑާ ފަދަ އަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފި ނަމަ އަޅުވެތިކަން މިނިވަން ކަމަށް ބަދަލުކުރެވޭނެ ކަން ސާބިތުކޮށްދެއްވި ޖިހާދެކެވެ.
ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުގައި 15 އަހަރު ހޭދަވި ފަހުން، އެއަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވި އުތީމު އަލް ޣާޒީ މުޙައްމަދު ތަކުރުފާނު ( ބޮޑުތަކުރުފާނު) ރާއްޖެ މިނިވަން ކުރެއްވި ދުވަސް ކަމަށް ތާރީހުން އެނގޭ، ރަބީއުލް އައްވަލު މަހުގެ ފުރަތަމަ ދުވަހެވެ.