12 Dec 2015, 11:30
ޔޫއެފްއޭގެ ރައީސް މިޝޭލް ޕްލެޓްނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަތަކުން 90 ދުވަހަށް ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އެތިކްސް ކޮމިޓީއިން ފިޔަވަޅު އަޅައިފައި ވަނީ ރަނގަޅަށް ކަމަށް ކޯޓް އޮފް އާބިޓްރޭޝާން ސްޕޯޓްސް (ސީއޭއެސް)އަށް ނިންމައިފި އެވެ.
ސީއޭއެސް އިން މިގޮތަށް ނިންމާފައި ވަނީ އެތިކްސް ކޮމިޓީއިން ޕްލެޓްނީ ސަސްޕެންޑްކޯށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ނިންމައިދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފާ ގުޅިގެންނެވެ.
އަންނަ އަހަރު ފެބްރުއަރީ މަހުގެ 26ގައި ބާއްވަން ހަމަޖެހިފައިވާ ފީފާގެ އިންތީޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާންކޮށްފައިވަނިކޮށް ފީފާގެ އެތިކްސް ކޮމިޓީން ޕްލެޓްނީ ސަސްޕެންޑްކޮށްފައި ވަނީ ފީފާގެ އެތެރޭގެ ހިނގައިދިޔަ ކޮރަޕްޝަން މުއާމަލާތްތަކުގައި ޕްލެޓްނީ ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެއީ ޔޫއެފްއާގެ ރައީސް އަކަށް ޕްލެޓްނީ ވަޑައިގެންނެވުމުގެ ކުރިން ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާގެ މުޝްތަޝާރަކަށް އޭނާ ހުންނެވި އިރު، ފީފާ އިން އޭނާއަށް ދޭން ޖެހޭ ފައިސާ، އޭރު ނަންގަވާފައި ނުވާއިރު، ފަހުން އެއްފަހަރާ އެފައިސާ ނަގާފައިވާތީ އެވެ.
ޕްރޮޖެކްޓެއްގެ ދަށުން ކުރި އެ މަސައްކަތުގައި ފީފާގެ އެކައުންޓުން ވަނީ ދެ މިލިއަން ޑޮލަރު ޕްލެޓްނީގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ބްލެޓާ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ސީއޭއެސްގެ ނިންމުގެ ސަބަބުން މިރޭ ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތައް ވެސް ޕްލެޓްނީއަށް ވަނީ ހާޒިރުވުމުގެ ފުރުސަތު ގެއްލިފަ އެވެ.
ޕްލެޓްނީގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފީފާގެ މިހާރުގެ ސްޕޯކްޕާސަން އެންޑްރެސް ބެންޓަލް ވިދާޅުވީ އިތުރު ސަސްޕެންޝަނެއް ވެސް ޕްލެޓްނީގެ މައްޗަށް އައުން ކައިރިކަމަށާއި އެހެންވެއްޖެ ނަމަ އަހަރުތަކަކަށް ޕްލެޓްނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ބެންޓަލްގެ ޥާހަކަތަކަށް ރައްދު ދެއްވައި ޕްލެޓްނީގެ ވަކީލް ވިދާޅުވީ ބެންޓަލްގެ ވާހަކަތައް ހުރީ 'ސިޔާސީ' ވަކި މީހަކަށް އަމާޒުވާ ގޮތަށް ކަމަށެވެ.
އަދި ސީއޭއެސް އިން މައްސަލަ ނިންމުމުގައި ފީފާގެ އެތިކްސް ކޮމިޓީގެ ނުފޫޒު އޮތް ކަމަށް ޕްލެޓްނީގެ ވަކީލު ބުންޏެވެ.