ބީބީސީން ހޮވި މި އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް ލިބިއްޖެ އެވެ.

ޔާޔާ ޓޫރޭ މި އެވޯޑް ހާސިލް ކުރީ ޔަޗީނީ ބްރަހީމީ އާއި ޕިއޭރޭ އެމެރިކް އައުބެމަޔަން އާއި އެންޑްރޭ އަޔޫ އަދި ސާޑިއޯ މޭން ފަދަ އެފްރިކާ ކުޅުންތެރިންނާ ވާދަކޮށެވެ. އެ އެވޯޑަށް ހަ ކުޅުންތެރިޔަކު ވާދަކުރި އެވެ. ޔާޔާ ޓޫރޭ ކުރިން އެވޯޑް ހޯދީ 2013 ވަނަ އަހަރު އެވެ.

ފުޓްބޯޅަ ބެލުންތެރިންގެ އެންމެ ގިނަ ވޯޓް ލިބިގެން މި އެވޯޑް ހާސިލް ކުރި މެންޗެސްޓާ ސިޓީގެ ޔާޔާ ޓޫރޭ ބުނީ މި އެވޯޑް ލިބުމުން އޭނާ ވަރަށް ފަހުރުވެރިވާ ކަމަށާއި އެފްރިކާގައި އުންމީދީ ޒުވާން މޮޅު ގިނަ ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ކަމަށެވެ.

ބާސެލޯނާގައި ވިދާލި ޓޫރޭ ވަނީ ސިޓީއާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ހާސިލްކޮށްފަ އެވެ. އޭނާ ބުނީ އެންމެ ބޮޑު އުއްމީދަކީ ސިޓީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށެވެ.

މިއީ، މި އެވޯޑް ޔާޔާ ޓޫރޭ ހޯދި ދެ ވަނަ ފަހަރެވެ. ޔާޔާ ޓޫރޭގެ އިތުރުން މި އެވޯޑް ދެފަހަރު ހޯދާފައިވާ އެފްރިކާގެ ކުޅުންތެރިންނަކީ ނައިޖީރިއާގެ ވަންކްވޯ ކާނޫ އަދި ޖޭޖޭ އޮކޯޗާއެވެ.