12 Dec 2015, 10:37
ސައުދީ އަރަބިއާ (ޑިސެމްބަރ 12): މިއަދު ސައުދި އަރަބިއާގައި ބާއްވާ މުނިސިޕަލް އިންތިހާބުގައި ސައުދީ އަރަބިއާގެ އަންހެނުން ފުރަތަމަ ފަހަރަށް ވޯޓު ލާނެ އެވެ.
މިފަހަރުގެ މުނިސިޕަލް އިންތިހާބުގައި އެގައުމުގެ އަންހެނުންނަށް ކެންޑިޑޭޓުންގެ ގޮތުގައި ވެސް ބައިވެރިވެފައިވެ އެވެ. އެހެންކަމުން، އެއިންތިހާބުގައި 978 އަންހެނުންނާއި 5،938 ފިރިހެނުން ވާދަކުރެ އެވެ.
ނަމަވެސް، އިންތިހާބަށް ކެމްޕެއިން ކުރުމަށް ޓަކައި އަންހެން ކެންޑިޑޭޓުން ވާހަކަ ދައްކަން ޖެހުނީ ފަރުދާއެއްގެ ފުރަގަހުގައި ތިބެގެންނެވެ. ނޫނީ ފިރިހެނެއް މެދުވެރިކޮށްގެންނެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ވޯޓު ލުމަށްޓަކައި 130،000 އަންހެނުން ވަނީ ރަޖިސްޓާކޮށްފަ އެވެ. އެއާ އަޅާބަލާއިރު ވޯޓުލާން ރަޖިސްޓާ ކޮސްފައިވާ ފިރިހެނުންގެ އަދަދު 1.35 މިލިއަނަށް އަރަ އެވެ.
އިންތިހާބުގައި ވޯޓު ލާން އެންމެ ފުރަތަމަ ރަޖިސްޓާ ކުރި އަންހެން މީހާ ކަމަށްވާ، ސަލްމާ އަލްރަޝީދު ބުނި ގޮތުގައި ވޯޓު ލެވޭތީ "ވަރަށް ރަނގަޅު އިހުސާސެއް ކުރެވެ" އެވެ.
މިއަދު ބާއްވާ އިންތިހާބަކީ ސައުދީ ރަސްކަމުގައި ބާއްވާ ތިން ވަނަ މުނިސިޕަލް އިންތިހާބެވެ. ފުރަތަމަ އިންތިހާބު ބޭއްވީ 2005ގައި އެވެ.
އިންތިހާބުގައި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސެވީ އަބްދުﷲ ރަސްގެފާނު އެވެ. އެބަދަލު ގެންނަވަމުން އޭނާ ވިދާޅުވީ އަންހެނުން އެގައުމުގައި "ރަނގަޅު ހިޔާލާއި ނަސޭހަތް ދޭ މަގާމުތައް އަދާކޮށްފައިވާ" ކަމަށެވެ.
އަބްދުﷲ ރަސްގެފާނު މިއަހަރުގެ ޖެނުއަރީ މަހު އަވަހާރަވުމުގެ ކުރިން، ރަސްގެފާނު ވަނީ އެގައުމުގެ އިސް އެޑްވައިޒަރީއެއް ކަމަށްވާ ޝޫރާ ކައުންސިލަށް 30 އަންހެނަކު ހަމަޖައްސަވައިފަ އެވެ.
މިއަދު ބާއްވާ އިންތިހާބުގައި ކެނޑިޑޭޓުން ވާދަ ކުރަނީ 2،100 ކައުންސިލް ގޮނޑިއަށެވެ. އިތުރު 1،050 ގޮނޑިއަކަށް ކައުންސިލަރުން ހަމަޖައްސަވާނީ ސައުދީ ރަސްގެފާނު އެވެ.
އިންތިހާބުގެ ނަތީޖާތައް މިއަދުގެ ވަގުތެއްގައި އާއްމު ކުރާނެ ކަމަށް ބެލެވެ އެވެ.
މައުލޫމާތު: ބީބީސީ