12 Dec 2015, 13:12
ކުރިއަށް އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ޓީމުގެ އަމާޒަކީ މުބާރާތުގެ ހަތް ވަނަ އަށް ނުވަތަ ގަދަ ހަ އެއްގެ ތެރޭގައި ހިމެނުން ކަމަށް ޒުވާން ޓީމުގެ ކޯޗް އާމިނަތު ހަލީމް (ދިލް) ބުނެފި އެވެ.
މިހާރު އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ އަށް ވަނައިގަ އެވެ.
އަންނަ ހޯމަ ދުވަހު ހޮންކޮންގްގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތަށް ފުރުމުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ދިލް ބުނީ އިންޑޯ ކޯޓެއްގައި މުބާރާޓް ކުޅެން ޖެހޭ އިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހި ޓީމަށް އިންޑޯ ކޯޓެއްގައި ޕްރެކްޓީސް ކުރުމުގެ ފުރުސަތު ނުލިބުން ކަމަށެވެ.

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އާމިނަތު ހަލީމް (ދިލް) މީޑިއާއާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ޢަލީ ނަސީރު
އަދި އިންޑޯ ކޯޓެއްގައި ކުޅެން ޖެހޭއިރު އެކަމަށް ކުޅުންތެރިން މެންޓަލީ ފިޓް ކުރުމަށް ޓަކައި ޕްރެކްޓިސްގެ އިތުރުން އެކި ޕްރޮގްރާމްތައް ހިންގިފައިވާނެ ކަމަށް ދިލް ބުންޏެވެ.
މުބާރާޓުގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާ އާއި ޖަޕާނާ އެކު ގުރޫޕް 'އޭ' ގަ އެވެ.
ދިލް ބުނީ އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާ ދެކޮޅާށް ކުޅޭ އިރު ރާއްޖޭގެ ޓާގެޓަކީ ބޮޑު ތަފާތެއް މެލޭޝިއާ އަށް ނުދީ އޓީމުގެ އެޓޭކްތައް ހުއްޓުވައި ދިވެހި ޓީމުގެ ޝޫޓްތައް އިތުރު ކުރުން ކަމަށާއި ޖަޕާނާއި ދެކޮޅާށް ކުޅެން ޖެހޭ މެޗުގައި އަމާޒަކީ އެޓީމު ބަލި ކުރުން ކަމަށެވެ.
ރާއްޖޭގެ ޓީމްގެ ކެޕްޓަން ޢައިޝަތު ލޫނާ މޫސާ (ލޫން) ބުނީ ޕްރެކްޓިސް ކުރަން ލިބުނު މުއްދަތުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށާއި ގޮންޖެހުންތަކާ އެކު ވެސް މުބާރާޓުގައި ވާދަ ކުރަން ފުރުސަތު ލިބުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެގެ ކެޕްޓަން ޢައިޝަތު ލޫނާ މޫސާ (ލޫން) މީޑިއާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ޢަލީ ނަސީރު
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ.
ރާއްޖެ ޖަޕާނާ ދެކޮޅަށް ކުޅޭ މެޗް އޮންނާނީ އަންގާރަ ދުވަހު އެވެ.