10 Apr 2011, 13:54
ދ. ބަނޑިދޫ ރަށު ކައުންސިލްގެ އިދާރާ ބަލަހައްޓަން އިން ވޮޗަރުގެ މޫނުގައި ޓޭޕުއޮޅައި އަތާއި ފައި ބަނުމަށް ފަހު އެ އިދާރާގައި ހުރި ދެ ތިޖޫރީ ފަޅާލައި 58000ރ. އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ހަތަރު މީހުންގެ އިތުރަށް، ތުހުމަތުކުރެވޭ އެހެން ތިން މީހަކު ފުލުހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އަދި އެ ހަތް މީހުންނާ ސުވާލުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.
އެ މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި ތިން މީހުގެ ތަފްސީލު ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ބަނޑިދޫ ފެހިއަލި، އިސްމާއީލް ޝިޔާރާއި ހެދޭކުރި އިބްރާހީމް ނައުފަލާއި ޖޭމްގަސްދޮށުގޭ އަހުމަދު ފިރާގެވެ.
މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަނޑިދޫ ހިޔާ، އަހުމަދު ހަފީޒު އާއި މާފަހި، އަހުމަދު ރިފްޝާން އާއި ދިރިމާގޭ ނިމާލް ރަޝީދާއި ބަނޑިދޫ މީހަކާ އިނދެގެން އުޅޭ، މާކަރީ ލައިޓް، އަބްދުﷲ އަފީފް ކިޔާ މީހެކެވެ. އޭނާއަކީ ލ. އިސްދޫ މީހެކެވެ.
އެމީހުންނަކީ ކުށުގެ ރެކޯޑްތަކެއް ނެތް ބަޔަކަށް ވިއަސް، ރަށުގައި ކުރާ ކުށްތަކަށް ކުރިންސުރެ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުންނަކީ ރޭގަނޑު ނުނިދާ ރަށުތެރޭގައި ހޭލާ އުޅޭ ބައެއް ކަމަށް ރަށު ކައުންސިލަރަކު ވިދާޅުވެފައިވެ އެވެ.
ފުލުހުން ބުނީ، 58000ރ. އަކީ ދެ ތިޖޫރީން ފައިސާ ގެންގޮސްފައިވާ އަދަދު ކަމަށާއި އެހެނިހެން ގޮތްގޮތުން އިދާރާގެ ތެރެއިން އެކި ވަރަށް ފައިސާ ގެންގޮސްފައި ހުރުމުން ވަގަށް ގެންދިޔަ ފައިސާގެ އަދަދު 68000ރ. އަށް ވުރެ ގިނަ ވާނެ ކަމަށެވެ.
ބަނޑިދޫ ކައުންސިލްގެ އިދާރާ ތެރެއަށް ވަދެ، އެ އިދާރާގެ ދެ ތިޖޫރީ ފަޅާލައި ފައިސާތައް ވަގަށް ގެންދިޔައީ، އެ އިދާރާ ބަލަހައްޓަން އިން ވޮޗަރު އަހުމަދު ހުސައިން، 53،ގެ މޫނާ އަތާއި ފައި ޓޭޕުން ބަނދެ އަނިޔާކޮށް ޒަހަމް ކުރުމަށްފަހު ކައުންސިލަރުން ތިބޭ ބައިގައި ބޭއްވުމަށް ފަހު އެވެ.
އަހުމަދު ހުސައިންއާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުންއަލިވެ 3:00 ޖަހާ އެހާކަންހާއިރު ކައުންސިލްގެ ތެރެއަށް ބަޔަކު ވަނީ މޫނު ނިވާކޮށް، ބަރަހަނާއަށް ހަތް މީހުން ކަމަށާއި ކަމަށާއި އެ މީހުން އޭނާގެ އަނގަމަތީގައި ޖަހައި ފަޅާލުމަށް ފަހު ޓޭޕް ބޭނުންކޮށްގެން ބަނދެ ދެ ތިޖޫރީ ފަޅައިލީ ކަމަށެވެ.
އެ ހާދިސާއަށް ފަހު އަހުމަދު ހުސައިން އަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
ބަނޑިދޫގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ތިޖޫރީ ފަޅާލާފައި ވެއެވެ. ކުރިން ފަޅާލާފައި ވަނީ ރަށު އޮފީހުގެ ތިޖޫރީ އާއި ސިއްހީ މަރުކަޒުގެ ތިޖޫރީ އެވެ.