14:30


ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕުން ދޭ 2010 ޗެމްޕިއަންސް އޮފް ދި އާތް އެވޯޑު ލިބިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެ ޖަމްޢިއްޔާއިން ހޮވައިފި އެވެ.


ރައީސް ނަޝީދު މި އެވޯޑު އެރުވުމަށް ހޮވާފައި ވަނީ، ޕޮލިސީ ލީޑަޝިޕްގެ ދާއިރާއިން. މި އަހަރު އެވޯޑު ލިބިވަޑައިގަންނަވާ ބޭފުޅުން އިޢްލާނު ކުރެއްވީ، ދެކުނު ކޮރެޔާގެ ސޯލްގައި މިއަދު ފެށުނު ބިޒްނަސް ފޮރ ދި އެންވަޔަރަންމަންޓް ކޮންފަރެންސްގެ ތެރެއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޔުނެޕްގެ އެގްޒެކެޓިވް ޑިރެކްޓަރ އާކިމް ސްޓައިނާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އެވޯޑު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެވޯޑު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މިއަދު މެންދުރުފަހު ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.


އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ޝަރަފެއް ކަމަށް ވިދާޅުވި އެވެ. އަދި ތިމާވެށީގެ ރޮނގުން އެމަނިކުފާނު މިކުރައްވާ މަސައްކަތްޕުޅު ބަލައިގެންނެވިކަމީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށީގެ ދާއިރާއިން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތާއީދު ކުރައްވައި، އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.


"ޔޫ.އެން ޗެމްޕިއަންސް އޮފް ދި އާތް އެވޯޑް" އަކީ، ދުނިޔޭގެ ސަލާމަތަށްޓަކައި އެބޭފުޅުންގެ ދުރުވިސްނުންފުޅާއެކު، ދުނިޔޭގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރެއްވުމާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ތަރައްޤީ ޙާޞިލު ކުރުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރެއްވުމުގައި، ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އ.ދ.އިން ދޭ އެންމެ ޝަރަފްވެރި އެވޯޑެކެވެ.