ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ނައިޓް މާކެޓްގެ މޭޒަކުން 750ރ. ސިޓީ ކައުންސިލަށް ދޭން އެ ޖަމިއްޔާއިން އެއްބަސް ވުމުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެންމެ ފަހުން އެ ޖަމްއިއްޔާއަށް މިއަދު ދީފި އެވެ.

ނައިޓް މާކެޓް ބާއްވާނެ ތަނަކާއި އުސޫލުތަކާއި މެދު މާލޭ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންގެ ޖަމްއިއްޔާއާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް އެ ދެފަރާތުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ލިބުނީ ބައިވެރިކުރާ ކޮންމެ މޭޒަކުން 750ރ. ގެ ފީއެއް ސިޓީ ކައުންސިލަށް ދެއްކުމަށާއި އަދި ނައިޓް މާކެޓް ކުރިން ބާއްވަމުން އައި ސަރަހައްދުގެ ބަދަލުގައި ބޮޑުތަކުރުފާނު މަގުން ސްޓެލްކޯ އިން ފެށިގެން ހެންވޭރު ޕާކްގެ އިރުއުތުރު ކަންމައްޗަށްވާ ހިސާބުގައި ނައިޓް މާކެޓް ބޭއްވުމަށް އެއްބަސް ވުމުން ކަމަށެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލުން ކަނޑައެޅި ޝަރުތުތަކަށް އެއްބަސްވުމުން ހުއްދަ މިއަދު މި ލިބުނީ،" އަދީބު ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ޖުލައި 26 އާއި ދިމާކޮށް ބާއްވާ ނައިޓް މާކެޓްގެ ކޮންމެ މޭޒަކުން 750ރ. ފީއެއް ސިޓީ ކައުންސިލުން ނަގަން އެއްބަސް ވުމުން ވިޔަފާރިވެރިން ދައްކާ ފީ 3000ރ. އިން 3750ރ. އަށް ބޮޑުވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އެ ބޭފުޅުން ދައްކަމުން (ވިޔަފާރިވެރިން) އައި ފީ އެބަޖެހޭ އަޅުގަނޑުމެން ބޮޑު ކުރަން. އެ އިތުރުވި ބައިވެސް ލާފަ އިންނާނީ،" އަދީބު ވިދާޅުވި އެވެ.

ނައިޓް މާކެޓް ބޭއްވުމަށް ސިޓީ ކައުންސިލާ މެދު އުފެދިފައިވާ ދެ ބަސްވުންތައް ހައްލުވުމުން ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން މިހާރު ވަނީ މިއަހަރުގެ ނައިޓްމާކެޓް ޖުލައި 10 ގައި ބޭއްވުމަށް ނިންމާފަ އެވެ. އަދި މިހާރު ވަނީ ނައިޓް މާކެޓުން މޭޒު ގަންނަން ބޭނުންވާ ވިޔަފާރިވެރިންގެ އަތުން ފީވ ެސް ނަގަން ފަށާފަ އެވެ.

"އަޅުގަނޑުމެން ގިނަ ވިޔަފާރިވެރިންގެ އެދުމުގެ މަތިން އެ ތާރީހުގައި މި ބާއްވަނީ. އެގޮތަށް ނިންމާފައި މިއަދުން ފެށިގެން ފީގެ ކަންތައްތައް ވެސް މި ފެއްޓީ،" އަދީބު ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މާލޭ ސިޓީ ކައުންސިލް ވިޔަފާރިވެރިންގެ ޖަމްއިއްޔާއަށް ނައިޓް މާކެޓް ބޭއްވުމަށް ހުއްދަދީފައިވަނީ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯ އިން ފެށިގެން ހެންވޭރު ޕާކްގެ އިރުއުތުރު ކަންމައްޗާ ހަމައަށެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ބުނީ މީގެ ކުރިން ޖުލައި 26 އާ ދިމާކޮށް ބާއްވަމުން އައި ނައިޓް މާކެޓް މި ފަހަރު ޖޫން މަހަށް ބަދަލުކުރީ ޖުލައި 26 ގައި ބާއްވައިފި ނަމަ ރޯދަމަހާ ދިމާވާނެތީ ކަމަށެވެ.