ރެޑްބުލް ވިނިން ފައިވްގެ ގައުމީ ޗެމްޕިއަންކަން ބީވައިއެސް ބަލިކޮށް ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ރެޑްބުލް ވިނިންގް ފައިވްގެ ޗެމްޕިއަންކަން މާލޭ ބުރުގެ ވެސް ޗެމްޕިއަން ރޮކް ސްޓްރީޓުން ހޯދާފައި ވަނީ ރޭ ކުޅުނު ފައިނަލްގައި ބީވައިއެސް އަތުން މޮޅުވެގެންނެވެ. ބީވައިއެސްއަކީ ވެސް މާލޭ ކޮލިފައިން ބުރުން ފައިނަލް ބުރަށް ކޮލިފައިވި ޓީމެކެވެ.

ފައިނަލް މެޗުގައި ބީވައިއެސްގެ މައްޗަށް ރޮކް ސްޓްރީޓް ކުރި ހޯދީ 5-0 ލަނޑުންނެވެ. ރޮކް ސްޓްރީޓުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ކްލަބު އީގަލްސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް ހަސަން އަދުހަމް (ސަޑޭ) އެވެ.

ރެޑްބުލް ވިނިން ފައިވްގެ ފައިންލް މެޗްގެ ތެރެއިން --- ފޮޓޯ:ރެޑްބުލް

މިމުބާރާތުގައި ފުރަތަމަ ކުރިއަށްގޮސްފައި ވަނީ ގްރޫޕް ސްޓޭޖްގެ މެޗުތަކެވެ. ހަތަރު ގްރޫޕަކަށް ފަސް ޓީމު ބަހާލައިގެން ގްރޫޕް ސްޓޭޖްގެ ކުޅުން ކުރިއަށްދިޔައިރު، ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ޓާފް ދެ ނަންބަރު ދަނޑުގައި ރޭ ކުޅުނު ގައުމީ ފައިނަލުގައި ވާދަކުރީ ޅ. ނައިފަރު، ގއ. ވިލިނގިލީ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް، ސ. ފޭދުގެ އެންމެ މޮޅު ޓީމުތަކާއި މާލޭ ބުރުގެ އެންމެ މޮޅު 8 ޓީމެވެ.

ކުއާޓާ ފައިނަލުގައި ވާދަކުރީ އިންވިކްޓޯ، އެފްސީ ބެންކް، ފްރެންޑްސް ކްލަބު، ބީވައިއެސް، ކްލަބު ޕީކޭ، ނިއޯނާ، ރެޑްބުލް ފަހެން އަދި ރޮކް ސްޓްރީޓް އެވެ. ކުއާޓާއިން މޮޅުވެ، ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ބީވައިއެސް، ނިއޯނާ، އިންވިކްޓޯ އަދި ރޮކް ސްޓްރީޓް އެވެ.

ރެޑްބުލް ވިނިން ފައިވްގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓާ ހޯދުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:ރެޑްބުލް

މިމުބާރާތުގެ ޗެމްޕިއަން ރޮކް ސްޓްރީޓަށް އަންނަ އަހަރު ޖުލައި މަހުގެ ތެރޭގައި ބްރެޒިލްގެ ސަންތޯސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރޭ ކުޅުނު ފައިނަލް މެޗަށް ފަހު ރޮކް ސްޓްރީޓަށް ބޯޑިންގް ޕާސް ހަވާލުކޮށްދިނީ ރާއްޖޭގެ ރެޑްބުލް އެތުލީޓު އަދި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މިއީ ރެޑްބުލް އިން މިމުބާރާތް ބޭއްވި ތިން ވަނަ އަހަރެވެ. މި މުބާރާތް އަންނަ އަހަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ބާއްވާނެ ކަމަށް ރެޑްބުލް އިން މައުލޫމާތުދެ އެވެ.

މި މުބާރާތް ރެޑް ބުލް ވިނިން ފައިވްގެ ނަމުގައި މިދިޔަ ތިން އަހަރު ބޭއްވި ނަމަވެސް އަންނަ އަހަރު މި މުބާރާތުގެ ނަން ބަދަލުވެގެންދާނީ "ނޭމާ ޖޫނިއާސް 5" އަށެވެ.