12 Dec 2015, 09:55
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ( އެއޯސިސް) އިން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނާއި ދެމެހެއްޓެނެވި ތަރައްގީ އާ ބެހޭ ގޮތުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެއޯސިސް އަށް 25 އަހަރު ފުރުމުގެ މުނާސަބަަތުގައި ޕެރިހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއި ދެމެހެއްޓެނެވި ތަރައްގީގެ ވާހަކަ ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނަށް އެއޯސިސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއި ދެމެހެއްޓެނެވި ތަރައްގީގެ ވާހަކަ ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނަށް އެއޯސިސް އިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށެވެ.
"މީގެ 26 އަހަރު ކުރިން މާލޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި،" ތޯރިގު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެއޯސިސްގެ ގައުމުތަކަށް ގިނަ ގެއްލުންތަކެއްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އިތުރަށް މަތިވިތަ ނުދީ ބެހެއްޓުމަށް ދުނިޔޭގެ ގައުމުތަކަށް ބާރުއަޅުއްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއޯސިސްގެ މިހާރުގެ ދައުރަކަށްވާންވީ ކަންކަން ތަންފީޒުކުރުމާއި ޖަވާބުދާރީކުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.