11 Dec 2015, 22:08
ށ. އަތޮޅު ސްކޫލްތަކުގެ މެދުގައި ކުރިއަށްދާ "ވިއަވަތި ޕްރޮމޯޝަނަލް ކަޕް"ގައި ފޯކައިދޫ އާއި ފުނަދޫ ބައްދަލު ކުރި މެޗަށްފަހު މާރާމާރީ ހިންގައިފި އެވެ.
ފޯކައިދޫގައި މިއަދު ހަވީރު ކުޅުނު މެޗަށްފަހު ހިނގި މާރާމާރީއާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު "ސަން"އަށް ވިދާޅުވީ މާރާމާރީ ހިނގަން މެދުވެރިވީ މެޗު ނިމުމުން، ފުނަދޫ ޓީމުގެ ބެންޗުގައި އިން ކުޅުންތެރިއަކު ދަނޑަށް އަރައި، ފޯކައިދޫ ޓީމުގެ ކުޅުންތެރިއަކާ މާރާމާރީ ހިންގުމުންނެވެ.
"ބެންޗުގައި އިން ފަރާތެއް އެރީ. މެޗު ނިމި ކަށިގަނޑު ވެސް ފުމެލުމަށްފަހު އެފަރާތަކު ދަނޑަށް އަރާފައި ވަނީ،" ރާޝިދު ވިދާޅުވި އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވެސް މިއަދުގެ މެޗު ބެލުމަށް ފޯކައިދޫއަށް ދިޔަ އެވެ. އޭނާ "ސަން"އަށް ވިދާޅުވީ ހަމަނުޖެހުން ފެށުނީ ކިހިނެއް ކަމެއް ނޭނގޭ ކަމަަށާއި ދެ ޓީމުގެ ދެ ކުޅުންތެރިއަކު ދަނޑުމަތީގައި ހަމަނުޖެހުން ހިނގަނިކޮށް، ފެނުނު ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ މެޗަށްފަހު ހިނގި ހަމަނުޖެހުން ހައްލު ކުރުމަށް ފޯކައިދޫ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ.
ފޯކައިދޫ އާއި ފޮނަދޫ ޓީމުގެ ދެ ކުޅުންތެރިއަކު ދަނޑުމަތީގައި މިއަދު މާރާމާރީ ހިންގަން ފެށުމުން، މެޗު ބަލަން ގޮސް ތިބި ފޯކައިދޫ ސަޕޯޓަރުން ވެސް ދަނޑަށް އަރައި ހަމަނުޖެހުން ހިންގި ކަމަށްވެ އެވެ.
ހަމަނުޖެހުމަށްފަހު، ފުނަދޫ ކުޅުންތެރިންނާއި އޮފިޝަލުން ޗޭންޖިން ރޫމަށް ވަތް ގޮތަށް ދޮޅު ގަޑިއެއްހާއިރު ވަންދެން އެތަނުގެ ތެރޭގައި ބަންދުވެފައި ތިއްބެވެ. އެ މީހުން އެތަނުން ނުނުކުމެވި ތިބީ ޗެއިންޖިން ރޫމު ކުރިމަތީގައި ފޯކައިދޫ ސަޕޯޓަރުން ތިބުމުންނެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް ރާޝިދު ވިދާޅުވީ ފުނަދޫ ޓީމު ޗެއިންޖިން ރޫމަށް ވަނީ "ފިލަން" ވެގެން ކަމަށެވެ. އަދި ވިދާޅުވީ ފޯކައިދޫ ރައްޔިތުންގެ ޑިމާންޑަކީ މާރާމާރީ ހިންގި ފުނަދޫ ޓީމުގެ ކުޅުންތެރިޔާ ހައްޔަރު ކުރުމަށެވެ.
"މިހާރު ޗޭންޖިން ރޫމްގައި ހަމައެކަނި ހުރީ އެ އަނިޔާ ކުރި ކުޅުންތެރިޔާ. އެހެން ކުޅުންތެރިން އެބަ އުޅޭ ނުކުމެގެން ވެސް. ފުލުހުން ވެސް އެބަ އުޅޭ އެ ސަރަހައްދުގައި. އެ މީހުން މަސައްކަތް ކުރަނީ ފޯކައިދޫ ރައްޔިތުން އެތަނުން ދުރުކޮށް ގެއަށް ފޮނުވުމަށް. ނަމަވެސް އަދިވެސް ރަށުގެ ގިނަ ރައްޔިތުންތަކެއް އެ ސަރަހައްދުގައި އެބަ ތިބި،" ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ވިއަވަތި ޕްރޮމޯޝަނަލް ކަޕް"ގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބު ކުރީ 0-1 އިން ފޯކައިދޫ އެވެ.
މިދިޔަ އާދިއްތަ ދުވަހު ފެށި އެ މުބާރާތުގައި ށ. އަތޮޅުން ހަ ޓީމެއް ވަނީ ބައިވެރި ވެފައެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ފުނަދޫ އާއި ނިލަންދޫ އާދި ޅައިމަގު ޓީމެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ފޯކައިދޫ އާއި ނަރުދޫ އަދި ފޭދޫ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުއެވެ.