އުސްފަސްގަނޑު ސަރަހައްދާއި ރާޅުގަނޑު ސަރަހައްދަށް ގިނަ ބަޔަކު މިއަދު ހަވީރު ޖަމާވެފައި ތިބީ މަތިންދާބޯޓުތަކެއް ތިރިން އުދުހިލާ ނަލަ މަންޒަރު ބަލާލުމަށެވެ. ކެތްމަދުވެފައި ތިބީ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެފަދަ ފުރަތަމަ ހަރަކާތް ބަލާލުމަށެވެ. ވައިގެ ދަތުރުފަތުރުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން މިއަދު ހަވީރު މާލެ ދެކުނު ފަރާތުގައި ކުރިއަށް ދިޔަ "ފްލައި ޕާސްޓް"ގައި 8 މަތިންދާބޯޓު ބައިވެރިވި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންތިޒާމް ކުރި އެ ހަރަކާތުގައި ފަސް ސީޕްލޭން އާއި ތިން ޕެސެންޖާ ފްލައިޓް އުދުހުނެވެ. އާންމުކޮށް އުދުހޭ ވަރަށް ވުރެ ތިރިން އެ ބޯޓުތައް އުދުހިފައި ދިޔައިރު، މާލޭ ދެކުނު ފަރާތަށް ޖަމާވެފައި ތިބި ގިނަ ބަޔަކު ދިޔައީ އެ ނަލަ މަންޒަރު ފޮޓޯ ނަގައި ވީޑީއޯ ކުރި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންތިޒާމް ކުރި "ފްލައި ޕާސްޓް" ބަލާލުމަށް ގިނަ ބަޔަކު ޖަމާވެފައި-- ސަން ފޮޓޯ/ އަލީ ނަސީރު

ބައެއް ބޯޓުތައް އުދުހިފައި ދިޔައިރު، އަރިއަރިއަށް ތިރިކޮށް، ހެދި އެވެ. އަދި ހަތަރު ސީޕްލެއިނެއް އެއްފަހަރާ ތިރިން ދަތުރުކޮށްފައި ދިޔަ އެވެ. އެ މަންޒަރު ބެލުމަށް އުސްފަސްގަނޑަށް ޖަމާވެފައި ތިބި މީހުން ގިނަ ކަމުން، ބައެއް މީހުން ތިބީ އެ ސަރަހައްދު ބޭރު ތޮށިގަނޑެއްގެ ގޮތުގައި ލާފައި ހުރި ގާތަކުގެ މަތީގަ އެވެ.

އާންމުކޮށް ހުކުރު ދުވަހު މާލެ އިރުދެކުނު ފަރާތަށް ފިނި ބުރު ޖަހަންދާ މީހުންނަށް ވުރެ މިއަދޔ އެ ސަަރަހައްދަށް ދިޔަ މީހުންގެ އަދަދު ގިނަ އެވެ. އެ ހަރަކާތް ބަލާލުމަށް އާއިލާތަކާއެކު ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވި އެވެ. މިއަދު ހަވީރު 4:30ގައި ފެށި އެ ހަރަކާތް ގަޑިއެއްހާއިރަށް ކުރިއަށް ދިޔަ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންތިޒާމް ކުރި "ފްލައި ޕާސްޓް" ބަލާލުމަށް ސުނާމީ ބިނާ ބެހެއްޓި ބުޑުގައި ބަޔަކު މަޑުކޮށްލައިގެން-- ސަން ފޮޓޯ/ އަލީ ނަސީރު

"ފުލައި ޕާސްޓް"ގައި މަތިންދާބޯޓުތައް ބައިވެރިކުރީ އައިލެންޑް އޭވިއޭޝަނާއި ޓްރާންސް މޯލްޑިވިއަން އަދި ވިލާ އެއާއިންނެވެ.

ގިނަ ފްލައިޓްތަކެއް ބައިވެރިވެގެން އެއާޝޯއެއް ބޭއްވިއިރު، މާލެ އާއި ވިލިމާލެ އަދި ތިލަފުށި ވައިގެ ސަރަހައްދުގައި ގުޑި އެރުވުން ވަނީ މިއަދު ވަނީ މަނާކޮށްފަ އެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ހޯދައިގެން ނޫނީ ޑްރޯން ވެސް ނޭރުވެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންތިޒާމް ކުރި "ފްލައި ޕާސްޓް"ގައި ސީޕްލެއިންތަކެއް-- ސަން ފޮޓޯ/ އަލީ ނަސީރު