މާލޭގެ ގޭބިސީތަކުން އުކާލަން ބޭނުންވާ ބާ ހަތިމާއި ގުރުއާނުގެ އާޔަތްތައް ލިޔެފައިވާ ފޮތާއި ކަރުދާސްތައް އަންނަ ހުކުރު ދުވަހު މާލޭގެ މިސްކިތްތަކުން ބަލައިގަންނަ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެސިސްޓަންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ފަހަކަށް އައިސް ކީރިތި ގުރުއާންގެ ގިނަ އަދަދެއްގެ ފޮތްތައް ބައެއް ފަރާތްތަކުން މާލޭ ކުނިގޮނޑަށް އުކަމުން ގެންދާތީ، ގޭގޭގައި ހުންނަ އެފަދަ ފޮތްތައް އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގައި ނައްތާލަން ކަމަށެވެ.

ކީރިތި ޤްރުއާނާ ބެހޭ މަރުކަޒާއި މިނިސްޓްރީ ގުޅިގެން އަންނަ ހުކުރު ދުވަހު ފަށާ ހާއްސަ މަސައްކަތުގައި އެދުވަހުގެ ހެނދުނު 8:00 އިން 11:00 އަށް މާލޭގެ މިސްކިތްތަކުން ގުރުއާން ފޮތްތައް ބަލައިގަންނާނެ އެވެ. މިނިސްޓްރީން ބުނީ އެ ގަޑީގެ ފަހުން ވެސް މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތަކުން ގުރުއާން ފޮތްތައް ބަލައިގެންނާނެ ކަމަށެވެ.

" މިނިސްޓްރީގެ ޓީމުތައް މިސްކިތްތަކުގައި މޭޒު އަޅައިގެން ތިބޭނެ. އަޅުގަނޑުމެން މިއެދެނީ މާލޭގެ ހުރިހާ ގެއަކުން ވެސް އުކާލަން ބޭނުންވާ ބާ މުސްހަފްތަކާއި ހުތުބާ އަދި ގުރުއާނުގެ އާޔަތްތައް ލިޔެފައިވާ ހުރިހާ ތަކެއްޗެއް ވެސް އެގެއަކާ އެންމެ ކައިރީގައި ހުންނަ މިސްކިތަކާ ހަވާލުކުރުމަށް،" އަހްމަދުﷲ ވިދާޅުވި އެވެ.

އމިނިސްޓްރީން ބުނި ގޮތުގައި މިސްކިތްތަކަށް ޖަމާކުރާ ފޮތްތައް ނައްތާލާނީ ސިފައިންނާ މިނިސްޓްރީނެވެ.

މާލޭގެ ކުނިގޮނޑަށް ގުރުއާން މުސްހަފުތައް އުކަމުންދާތާ ތިން މަސް ދުވަހަށް ވުރެ ގިނަވެއްޖެ އެވެ.