11 Dec 2015, 14:31
ދެހާހުގެ މަޝްހޫރު ބިރުވެރި ފިލްމް ސީރީޒް ކަމަށްވާ "ޖީޕާސް ކްރީޕާސް"ގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގައި ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މަޝްހޫރު މުނިފޫހިފިލުވުމުގެ ހަބަރު ގެނެސްދޭ "މޫވީޕައިލެޓް" އިން ބުނެފައިވަނީ އަންނަ އަހަރު ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާއިރު އެ ފިލްމުގެ ނަމާއި ޕްލޮޓް މިހާރު ވަނީ ކަށަވަރު ވެފައި ކަމަށެވެ.
ޖީޕާސް ކްރީޕާސްގެ ތިން ވަނަ ފިލްމަށް ކިޔާނީ "ޖީޕާސް ކްރީޕާސް 3: ކެތީޑްރަލްސް" ކަމަށް މޫވީޕައިލެޓް އިން ވަނީ ބުނެފައެވެ.
ޖީޕާސް ކްރީޕާސްގެ އޮރިޖިނަލް ދެ ފިލްމުގެ ކާސްޓުންނާއި ކްރޫ އިން ތިންވަނަ ފިލްމުގައި ހަރަކާތްތެރި ވާނެ ކަމަށް މޫވީޕައިލެޓް އިން ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ޕްރޮޑަކްޝަން ފަށާނީ ވެންކޫވާގައެވެ. ނަމަވެސް ފިލްމްގެ މަސައްކަތް ނިމޭނެ ތާރީހެއް އެއްވެސް ފަރާތަކުން ލަފާކޮށްފައެއް ނުވެއެވެ.
ޖީޕާސް ކްރީޕާސްގެ ފުރަތަމަ ފިލްމު ނެރުނީ 2001 ވަނަ އަހަރުގައެވެ. އެ ފިލުމުގައި ދެބެން ކޮލެޖަށް ދާ ދަތުރުގައި ފުރޭތައަކާ ދިމާވެ އެވެ. އެ ފުރޭތައަކީ ކޮންމެ 23 އަހަރަކުން އެއްފަހަރު ހޭލާ އެއްޗެކެވެ. އަދި އޭނާ ހޭލުމަށްފަހު ޝިކާރަ ކުރަނީ އިންސާނުންނެވެ. އިންސާނުން ޝިކާރަކޮށް، އަދި ކެއުމަށް ހޭލައި ހުރެވެނީ 23 ގަޑިއިރަށެވެ.
ޖީޕާސް ކްރީޕާސްގެ ދެވަނަ ފިލްމު ނެރެފައި ވަނީ 2003 ވަނަ އަހަރުގައެވެ.