ޓީވީއެމްގައި އެންމެ ދުވަސްވީ ކެމެރާމަނެއްގެ ގޮތުގައި ހުރި މުހައްމަދު އަބްދުލްޣަފޫރު (ކުޑޭ) ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.

ޅ. ނައިފަރަަށް ނިސްބަތްވާ ކުޑޭ ނިޔާވީ ރޭ މެންދަމު އައިޖީއެމްއެޗްގަ އެވެ. ބޭރަށް ހިންގައި ހޮޑުލެވޭތީ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކުޑޭ ނިޔާވީ ކިޑްނީގެ ފެއިލްވެގެން ކަން އެނގިފައިވެ އެވެ.

ޓީވީއެމްގެ ހިދުމަތަށް 1984 ވަނަ އަހަރު ނުކުތް، ކުޑޭއަކީ އެންމެންނާ ވެސް ގުޅޭ "ސަކަ" މިޒާޖެއްގެ މީހެކެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު "ސަން"އަށް މިއަދު ވިދާޅުވީ ޕީއެސްއެމްގައި މަސައްކަތަށް އެންމެ ޑިސިޕްލިން ރަނގަޅު މުވައްޒަފަކީ ކުޑޭ ކަމަށެވެ. އެކަހަލަ މުވައްޒަފަކު ބިނާ ކުރެވޭނީ ވަރަށް ދުވަހުން ކަމަށާއި ކުޑޭ ނިޔާވުމަކީ ކުންފުންޏަށް "ފޫނުބެއްދޭނެވަރުގެ ގެއްލުމެއް" ކަމަށް ހަލީލު ވިދާޅުވި އެވެ.

އުމުރުން 51 އަހަރުގެ ކުޑޭގެ އަޑު ކަންފަތުގައި ޖެހުމާއެކު، އެންމެން ވެސް ހަނދާންވާނީ ކޮންމެ އަހަރެއްގެ ވޯލްޑްކަޕްގައި ގެނެސް ދޭ ދަނޑުފޯރީގެ މަތިންނެވެ. ކުޑޭއަކީ ދަނޑުފޯރިއަށް އަޑު އަޅައި، އެ އުފެއްދުމުގައި އިސްކޮށް އުޅުނު މީހެކެވެ.

ޓީވީއެމްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ކުޑޭ އިއްޔެ ވެސް އުޅުނީ މަސައްކަތުގައި ބުރަކޮށެވެ. ރާއްޖެ އާއި ޖަރުމަނާ ދެމެދު ލުފްތަންސާއިން ސީދާ ދަތުރުތައް އިއްޔެ ފެށުމުން، އެ ރަސްމިއްޔާތުގެ ވީޑީއޯ ނެގުމަށް ނޫސްވެރިންނާއެކު އޭނާ ހުޅުލޭގައި ހަރަކާތްތެރިވި އެވެ.

ޓީވީއެމްގެ ހިދުމަތަށް އޭނާ ނުކުތް ދުވަސްކޮޅު، ބޮޑު އަނިޔާއެއް ވެސް ވަނީ ވެފަ އެވެ. ފެލިވަރު މަސް ކާރުހާނާ ޒަމާނީ ތަނަކަށް ބަދަލުކުރުމާ ގުޅިގެން އެތަން ވީޑީއޯކޮށްގެން އެނބުރި މާލެ އައި ސީޕްލޭން ވެއްޓުނު ހާދިސާގައި އޭނާގެ މައިބަދައަށް ގެއްލުންވި އެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ހަރަދުގައި ސްރީލަންކާއިން އޭނާއަށް ފަރުވާދިނެވެ.

ކުޑޭ ނިޔާވިއިރު އަންބަކާއި ތުއްތު ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

އޭނާއަށް ކަށުނަމާދު ކުރުން އޮތީ، ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.