ހޮލީވުޑްގައި ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ގޯލްޑެން ގްލޯބްސްގައި އޮންލައިން ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ އުފެއްދުންތަކުން ނުވަ އެވޯޑަކަށް ނޯމިނޭޓް ވެއްޖެ އެވެ.

އަންނަ ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ 73 ވަނަ އެނުއަލް ގޯލްޑެން ގްލޯބްސްގެ ނޯމިނޭޝަންތައް ވަނީ ރޭގައި އިއުލާން ކޮށްފަ އެވެ.

އޮންލައިން ސްޓްރީމިން ސާވިސެސް ތަކުން ދަނީ ދުވަހެއް ދުވަހަކަށް އެ ކުންފުނިތަކުގެ އޮރިޖިނަލް ކޮންޓެންޓްތައް އުފައްދާ އަދަދު އިތުރު ކުރަމުންނެވެ. އެގޮތުން އޮންލައިން ސްޓްރީމިން ސާވިސް ކަމަށްވާ "އެމޭޒަން" ވަނީ ތިން އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.

ނަމަވެސް އެމޭޒަންގެ ތިން ނޯމިނޭޝަން އަކީވެސް އެ ސާވިސް އިން މިދިޔަ އަހަރު ދައްކަން ފެށި ކޮމެޑީ ސީރީޒް ކަމަށްވާ "ޓްރާންސްޕޭރެންޓް" ހޯދި ތިން ނޯމިނޭޝަން އެވެ.

ނެޓްފްލިކްސް އަށް ގޯލްޑެން ގްލޯބްސްގައި އެވޯޑްތައް ލިބެން ފަށާފައި ވަނީ 2013 އަހަރުން ފެށިގެންނެވެ. އެ ސާވިސް އިން ދައްކާ ވަރުގަދަ ޝޯތައް ކަމަށްވާ "ހައުސް އޮފް ކާޑްސް" އާއި "އޮރެންޖް އިޒް ދަ ނިއު ބްލެކް" އެ މަގާމަށް ވާސިލްވުމަށް ބޮޑެތި އެހީތަކެއްވީ ޝޯތަކެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ވަނީ ހައުސް އޮފް ކާޑްސް އާއި އޮރެންޖް އިޒް ދަ ނިއު ބްލެކް ދެ އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.

މިއަހަރު އަލަށް ދައްކަން ފެށި ޝޯ ކަމަށްވާ "ނާކޯސް" ވަނީ ދެ އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އެގޮތުން އެޝޯ ނޯމިނޭޓް ވެފައިވަނީ ބެސްޓް ޑްރާމާ ސީރީޒް އާއި ބެސްޓް އެކްޓާ އިން ޓީވީ ސީރީޒް އަށެވެ.

"މާސްޓާ އޮފް ނަން"ގެ އަޒީޒް އަންސާރީ ވަނީ ކޮމެޑީ ދާއިރާގެ އުފެއްދުންތަކުގެ ބެސްޓު އެކްޓަރުގެ މަގާމަށް ނޯމެނޭޓް ވެފައެވެ. އޭގެ އިތުރުން ލިލީ ޓޮމްލިން ވަނީ ބެސްޓް އެކްޓްރެސް ގެ މަގާމަށް ނޯމިނޭޓް ވެފައެވެ.

އާންމުކޮށް އެންމެ ގިނަ ޝޯތަކުގެ އެވޯޑުތަކަށް ނޯމިނޭޓް ވަމުން އަންނަނީ "އެޗްބީއޯ" އެވެ. ނަމަވެސް މިއަހަރު އެއް އެވޯޑުގެ ކުރިއެރުމަކާއެކު އެ މަގާމު ހޯދާފައިވަނީ ނެޓްފްލިކްސް އެވެ.