މާލެއިން މުދާ އަރުވައިގެން ފަސިންޖަރުންނާއެކު ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ވިލިނިގިއްޔަށް ވަންނަން އުޅެނިކޮށް ވިލިނގިލީ ނެރުމައްޗަށް ބީހުމުން އޭގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.

މިއަދު އިރުއޮއްސި 18:50 ހާއިރު ވިލިނގިލި ނެރުމައްޗަށް ބޯޓު ބީހުނު އިރު އެ ބޯޓުގައި ޖުމުލަ 36 މީހުން ތިބި އެވެ. އޭގެތެރޭގައި 9 އަންހެނުންނާއި 4 ކުޑަކުދިންނާ 8 ފިރިހެނުންނާ 7 ބިދޭސީންގެ އިތުރުން 8 ފަޅުވެރިން ހިމެނެ އެވެ.އަދި ގިނަ އަދަދެއްގެ މުދާވެސް ހިމެނެ އެވެ.

މިރޭގެ 19:35 ހާއިރު ބޯޓު ފުންކޮށްފައި ވާއިރު، މި ޙާދިސާގައި، ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބި އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި ބޯޓުގައި ހުރި މުދަލަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބޯޓު ބީހުމާއެކު ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު އެއްގަމަށް އެރުވުމުގައި ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލިނގިލީގައި ތިބި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނާ ބޯޓުގެ ފަޅުވެރިން ވަނީ ހަރަކާތްތެރި ވެފައެވެ.