(03 ޑިސެމްބަރުގެ ބަޔާގުޅޭ)

خديجةގެފާނު އަވަހާރަވުމުން، އިތުރު ސާހިބާ ވަރަށް ދެރަފުޅުވިއެވެ.خديجةގެފާނު އަވަހާރަވުމުގެ ތިންދުވަސްކުރީން (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން، ދެމަސްދުވަސް ކުރީން) ކައުސާހިބާގެ ލޮބުވެތި ބޮޑުބޭބޭފުޅުأبوطالبވަނީ އަވަހާރަވެފައެވެ. އެދެބޭފުޅުން އަވަހާރަވުމަކީ، މައްކާގެ އިޖްތިމާޢީ ވެއްޓާއި، ޢާއިލީ ގަނޑުވަރުގެ ތެރެއިން އިތުރު ސާހިބާއަށް ލިބިވަޑައިގަންނަވަމުންދިޔަ ޙިމާޔަތާއި އެހީތެރިކަމުން މަޙްރޫމުވެވަޑައިގަތުމެވެ.خديجةގެފާނު އަވަހާރަވުމަށްފަހު، އިތުރު ސާހިބާ އަބަދުވެސް ހުންނަވަނީ މޮޅިފުޅުންނެވެ. އިސްލާމީ ތާރީޚުގައި އެއަހަރު ފާހަގަކުރެވެނީ، ހިތާމައިގެ އަހަރުގެ ނަމުންނެވެ.السّيّدة خديجة رضى اللّـه عنــهاއަވަހާރަވުމުން، އިތުރު ސާހިބާގެ އިސްތަށިފުޅުގައި ވަރަށްބޮޑު އިތުރު މަސްއޫލިއްޔަތެއް އެޅުނެވެ. ރަސޫލުކަމުގެ ވާޖިބު އަދާކުރައްވަމުން، އެމާތް ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ކަމުގައިވާالسّيّدة أمّ كلثومއާއިالسّيّدة فاطمة الزّهراءގެ ކަންތައް ބަލަހައްޓަވައި، އެދެބޭފުޅުން ތަރުބިޔަތު ކުރެއްވުމެވެ. ހަމައެއާއެކު، ގޭތެރޭގެ ޒިންމާތައް، ހިނދުން ހިނދަށް ބެލެހެއްޓެވުމެވެ.

އިތުރު ސާހިބާ ގަނޑުވަރުން ބޭރަށް ވަޑައިގެންފިނަމަ، ތުއްޕުޅު ދެދަރިކަނބަލުން ތިއްބަވަނީ ގިނިކަންޏާއެވެ. ދުވަސްވަރަކީ، އިތުރު ސާހިބާއަށާއި، އެކަލޭގެފާނުގެ އަހުލުބައިތުންނަށް، މުޝްރިކުންގެ އުނދަގޫތަކާއި ޖެއްސުންކުރުން އިންތިހާޔަށް ބޮޑުވެފައިއޮތް ދުވަސްވަރެވެ. އެކަލޭގެފާނުގެ ގަނޑުވަރުގެ ގޯތިތެރެއަށް ހަޑިއެއްޗެހި އެޅުމާއި، އެކިވައްތަރުގެ ކަށިތައް އެޅުމާއި، ގަނޑުވަރަށް ގާއުކުންފަދަ ކަންތައްތައްވެސް އޮތީ ހައްދުފަހަނަޅައިފައެވެ.

السّيّدة خديجة الكبرىދުނިޔޭގައި އިންނެވި ދުވަސްވަރު، ބޭފުޅުންގެ އެއްވެސްކަމަކާ މެދުވެސް، ގަނޑުވަރުގެ ކަމަކާ ގުޅޭގޮތުންވެސް، ވިސްނުންފުޅު ހިންގަވާކަށެއް، އިތުރު ސާހިބާއަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ޢާއިލީ ހުރިހާ ޒިންމާތަކެއް އަދާކުރައްވަމުން ގެންދެވީخديجةގެފާނެވެ. ކައުސާހިބާ ހުންނެވީ، އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތްޕުޅަށް މުޅިން ވީއްލިވަޑައިގެންފައެވެ. އެހެން ހުރިހާ ފިކުރުފުޅުތަކަކުން މިނިވަންވެ ވަޑައިގެންފައެވެ. އެހެންކަމުން،خديجةގެފާނު އަވަހާރަވުމުން، އިތުރު ސާހިބާގެ ޒިންމާތައް، އެތައް ގޮތަކުން އިތުރުވިއެވެ.

އިތުރު ސާހިބާގެ މިދެންނެވި ފިކުރުފުޅުބޮޑުވުން، އެމާތް ސާހިބާގެ ވަރަށް އަރިސް، ވަރަށް ލޮބުވެތި ޞަޙާބީއެއްކަމުގައިވާعثمان بن مظعون رضى اللّـه عنــهގެ އަނބިކަނބަލުންالسّيّدة خولة بنت حكيم السّلميّة رضى اللّـه عنــهاވަރަށްބޮޑަށް އިޙްސާސް ކުރެއްވިއެވެ. އެކަމަނާ އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ފައިންޕުޅު ދެކެވަޑައިގެންފައި، އެއްދުވަހަކު ވިދާޅުވިއެވެ.

"އޭ މާތްاللّـهގެ ރަސޫލާއެވެ!خديجةއަވަހާރަވީފަހުން އަޅުގަނޑަށް ކަލޭގެފާނު ފެންނަނީ، އަބަދުވެސް މާބޮޑަށް މޮޅިފުޅުން ހުންނަވަނިކޮށެވެ. ތުއްޕުޅު ބޭފުޅުންގެ ކަންތަކާ ފިކުރުފުޅު ބޮޑުވަނީތޯއެވެ؟"

ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘް ކުރެއްވިއެވެ.

"އާނއެކެވެ. ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުދިން ތަރުބިޔަތު ކުރައްވަނީخديجةއެވެ."

خولـةވިދާޅުވިއެވެ. "ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވެ، ގަނޑުވަރުގެ ކަންތައް ހިންގައިދޭނެ އެހީތެރިޔަކު ބޭނުންފުޅުވާނެއެވެ. އަމުރުފުޅު ދެއްވައިފިނަމަ، ދެވަނަ ކާވެނިފުޅަކާ ބެހޭގޮތުން އަޅުގަނޑު ވާހަކަދައްކައި ބަލާންކަމަށެވެ."

އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "ތިޔަ ބާވަތުގެ ކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، ތިޔަބޭކަނބަލުންނަށެވެ. ކޮންފަރާތަކާ ވާހަކަފުޅުދައްކަވާން ކަމަށްތޯއެވެ؟"

خولـةވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ. އަޅުގަނޑުގެ ވިސްނުމުގައި ދެފަރާތެއް އެބައުޅެއެވެ. އެއްބޭކަނބަލަކީ، ހުވަފަތްވެފައި އިންނެވި ބޭކަނބަލެކެވެ.السّيّدة سودة بنت زمعةއެވެ. އެކަމަނާއަކީ ވަރަށް ކުރީއްސުރެ، ކަލޭގެފާނަށް އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ ތަކްލީފުވެސް ވަނީ އުފުއްލަވައިފައެވެ.

އަނެއްބޭފުޅަކީ، ބިކުރުވެރި ބޭފުޅެކެވެ.السّيّدة عائشة بنت أبى بكرއެވެ.عائشةގެ ބައްޕާފުޅުأبـوبكرއަކީ ޚަލްޤުތަކުންގެ ތެރެއިން، ކަލޭގެފާނުގެ އެންމެ ބޮޑު ރަޙްމަތްތެރިޔާއެވެ."

ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘްކުރެއްވިއެވެ.

"އެންމެ ރަނގަޅެވެ. ކަމަނާ ތިޔަ ދެފަރާތާވެސް ވާހަކަދައްކަވާށެވެ."

އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ހުއްދަވިދާޅުބަސްފުޅު ހޯއްދެވުމަށްފަހު،السّيّدة خولةއެދެފަރާތަށްވެސް، އިތުރު ސާހިބާގެ ފަރާތްޕުޅުން ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވިއެވެ.السّيّدة خولة،سودةގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑު މިއައީ ކަމަނާއަށްޓަކައި ބަރަކާތާއި ހެޔޮކަމުގެ ޚަބަރަކާއިގެންނެވެ. މާތްاللّـهގެ ރަސޫލާصلّى اللّـه عليه وسلّمކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަންނަވައެވެ.

السّيّدةسودةވަރަށް އުފާފުޅުން އެކަން ޤަބޫލުފުޅު ކުރެއްވިއެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން،السّيّدةسودةއަށް ވަނީ ހުވަފެންފުޅުގެ ޒަރީޢާއިން، މިބާއްޖަވެރި ކާވެނިފުޅުގެ ނިމުތު ލިބިވަޑައިގެންފައެވެ. އިސްވެދިޔަތާނގައި ބަޔާންކޮށްފައިވާ ހުވަފެންފުޅުގެ އިތުރަށް، މި ސިލްސިލާގެ އެހެން ހުވަފެންފުޅެއްވެސް،سودةއަށް ވަނީ ފެނިވަޑައިގެންފައެވެ. އެހުވަފެންފުޅުވެސް ފެނިވަޑައިގެންފައިވަނީ، އެކަމަނާގެ ކުރީގެ ފިރިކަލުންގެ ހެޔޮ ޙަޔާތްޕުޅުގައެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގަތީ، އިތުރު ސާހިބާ އެކަމަނާގެ ގެކޮޅަށް ފައިންޕުޅު ބީއްސަވައި، އެކަމަނާގެ ކަނދުރާފުޅުގައި ފައިންޕުޅު އެޅުއްވީތީއެވެ.السّيّدةسودةމިހުވަފެންފުޅުގެ ވާހަކަފުޅުވެސް،السّكرانގެ އަރިހުގައި ވިދާޅުވިއެވެ. މިހުވަފެންފުޅުގެ ތަޢުބީރެއްކަމުގައިވެސްالسّكرانވިދާޅުވީ، އޭނާ އަވަހާރަވުމާއި، އިތުރު ސާހިބާسودةއާ ކާވެނިފުޅުބެއްލެވުމެވެ.

السّيّدةسودةއަށް، ކައުސާހިބާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހުށަހެޅުއްވުން ޤަބޫލުކުރައްވާ ވާހަކަ ވިދާޅުވުމަށްފަހު،خولةގެ އަރިހުގައި އެކަމަނާ ވިދާޅުވިއެވެ.

"ކަމަނާ އަޅުގަނޑުގެ ބައްޕަގެ އަރިހަށް ވަޑައިގެން، ބައްޕައާވެސް ވާހަކަދައްކަވާށެވެ. ބައްޕައަކީ ވަރަށް މުސްކުޅި ބޭކަލެކެވެ."

السّيّدةسودةގެ ރުހިވަޑައިގަތުން ހޯއްދަވައިގެންالسّيّدةخولةވަޑައިގަތީ،زمعةގެ އަރިހަށެވެ. އޭރު އޭނާ ހުންނެވީ، މައްކާގެ އަހުލުވެރީންގެ ދީންމަތީގައެވެ.خولةވަޑައިގެން ސަލާމްކޮށްލެއްވުމުން،زمعةސުވާލު ކުރެއްވިއެވެ. ކޮންކުއްޖެއް ހެއްޔެވެ.خولةޖަވާބު ދެއްވިއެވެ.الحكيمގެ ދަރިފުޅެވެ.زمعةވިދާޅުވިއެވެ. ކޮންކަމަކާ އައިއައުމެއްހެއްޔެވެ؟خولةވިދާޅުވިއެވެ.محمّد بن عبد اللّـه، سودةގެ ކާވެނިފުޅު އެދިވަޑައިގަންނަވާތީ، އެވާހަކަ ދައްކައިލަން އައިއައުމެކެވެ.خولةވާހަކަފުޅުދެއްކެވުމުން،زمعةހިސާބަކަށް ދެކޮޅުހައްދަވައިލައްވައިފައިމެ، ހިތްޕުޅުގެ އަޑީން އެކަން ޤަބޫލުކުރައްވައިފިއެވެ. އެއަށްފަހު އޭނާގެ ދަރިކަނބަލުން ގެންނަވައި، މިކާވެނިފުޅާ އެކަމަނާ ރުހިވަޑައިގަންނަވާތޯ ސުވާލުކުރެއްވިއެވެ.زمعةވިދާޅުވިއެވެ.محمّد بن عبد اللّـهދަރިފުޅުގެ ކާވެންޏަށް އެދިވަޑައިގެންފިއެވެ. ބައްޕަޔަށް ފެންނަގޮތުގައި، އެއީ އެންމެ ރަނގަޅު ފަރާތެކެވެ. ކުފޫހަމަވާ ފަރާތެކެވެ. ޖަވާބުގައިالسّيّدةسودةއެކާވެނިފުޅާ ރުހިވަޑައިގަންނަވާކަން ފާޅުކުރެއްވިއެވެ. މިކާވެނިފުޅަކީسودةރުހިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވުމުން،زمعةއެކަމާ އުފާފާޅުކުރެއްވިއެވެ. އެދުވަހާ ވިދިގެން އަންނަ ދުވަހު، އޭނާގެ ގެއަށް ވަޑައިގަތުމަށް، އިތުރު ސާހިބާصلّى اللّـه عليه وسلّمއަށް ދަޢުވަތު އެރުއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެގެއަށް ވަޑައިގަތުމުން، އޭނާގެ ދަރިކަނބަލުންسودةއާ، އިތުރު ސާހިބާއާ ކާވެނިކޮށްދެއްވިއެވެ. ހަތަރުސަތޭކަ ދިރުހަމުގެ ރަނަށެވެ. މިކާވެނިފުޅު ކުރެވުނީ، ބިޢުޘަތުގެ ދިހަވަނަ އަހަރުއެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން،السّيّدة سودةގެ ވަލީވެރިޔެއްގެ ޙައިޘިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށްދެއްވީ، އެކަމަނާގެ ކުރީގެ ފިރިކަލުންالسّكرانގެ އަޚުحاطب بن عمروއެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި، މިކާވެނިފުޅު ކޮށްދެއްވީ، ޚުދުسودةގެ ބައްޕާފުޅެވެ.زمعة بن قيسއެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ.

السّيّدة سودة رضى اللّـه عنــهاއާއިالسّيّدة عائشة رضى اللّـه عنــهاއާ ދެބޭފުޅުންކުރެ އިތުރު ސާހިބާ ކުރިން ކާވެނިބެއްލެވީ ކޮންބޭކަނބަލަކާތޯ މިއީ ޚިލާފުހުރި މައްސަލައެކެވެ. ކޮންމެއަކަސް، އިތުރު ސާހިބާގެ ޠާހިރު އަނބިކަނބަލެއްގެ ޙައިޘިއްޔަތުން ކައުސާހިބާގެ ގެކޮޅަށްخديجةގެފާނަށްފަހު އެންމެ ފުރަތަމަ ވަޑައިގަތް ބޭކަނބަލަކީ،أمّ المؤمنين السّيّدة سودة بنت زمعةކަމީ ޚިލާފެއްހުރި މައްސަލައެއް ނޫނެވެ.

މިކާވެނިފުޅު ޢަޤްދުކުރެވުނުއިރު،أمّ المؤمنين السّيّدة سودةގެ އަޚުعبد اللّـه بن زمعةގެއަކު ވަޑައިގެނެއް ނުއުޅުއްވައެވެ. އޭރުعبد اللّـهހުންނެވީވެސް، މައްކާގެ މުޝްރިކުންގެ ދީންމަތީގައެވެ. އެހެންކަމުން، އޭނާއަށް މި ޚަބަރު ލިބިވަޑައިގަތުމުން، ޖާހިލިއްޔަތުގެ އާދަކާދައިގެ މަތީން އިސްތަށިފުޅަށް ވެލިއެޅުއްވިއެވެ.عبد اللّـهވިދާޅުވިއެވެ. "މިލައިގަތީ އަނެއްކާ ކޮން އާފާތެއް ހެއްޔެވެ؟ ހުރިހާ ކަމެއް ހަލާކުވީއެވެ."عبد اللّـه بن زمعةއިސްލާމްވެވަޑައިގަތުމަށްފަހު، އެކަލޭގެފާނަށް އެކުރެއްވުނު ކަންތަކާމެދު ވަރަށް ލަދުފުޅުގެން ވަޑައިގަންނަވައެވެ. މުޅި އުމުރުފުޅަށް އެކަމާ ހިތާމަފުޅު ކުރެއްވިއެވެ.

(ނުނިމޭ)