11 Dec 2015, 10:09
އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތަކަކީ ހަމައެކަނި ސޮއިކުރާ މުއާހަދާއަކުން ލިބޭނެ އެއްޗެއް ނޫން ކަަމަށާއި، އިންސާނީ ހައްގުތަކުން މަހުރޫމްވާ ފަރާތްތަކާއި އިންސާނީ ކަރާމާތަށް ލިބޭ އުނިކަމަކީ ބައެއްގެ ބުރަ މަސައްކަތުން ނޫނީ ތަސައްލީއެއް ލިބޭނެ ފަދަ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު، ދުނިޔޭގެ އެހެން ތަންތަނުގައި އިންސާނީ ހައްގުތަކުގެ މިނިވަންކަން އޮންނަ މިންވަރަށް ރާއްޖޭގައި ހައްގުތައް ނުލިބޭނެ ކަމަށެވެ.
އަދި ދިވެހިންގެ ވިސްނުންވެސް އެކަމަށް ތަން ނުދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެއް ވަނަ ދުނިޔޭގައި އިންސާނީ ހައްގުތައް އޮންނަ ފުޅާމިނުގައި އޮންނަ މިންވަރަކަށް ރާއްޖެއަކު ނުލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް މި ބީދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާ ތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތި ކުރަމުން އަންނަ ކަަމަށް ވިދާޅުވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްތިސްނާތަކަކާ އެކުގައި ކަމަށެވެ.
"އެންމެ ލިބަރަލް ގައުމުތަކުގައި އޮންނަ ގޮތަށް އެއް ޖިންސުގެ ކައިވެނި ކުރުމަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިންނާއި ގާނޫނުތަކާއި ދިވެހި ދައުލަތުން ޖާގަ ނުދޭތީ ރާއްޖެއަކީ އޭގެ އެންމެ ފުރިހަމަ މިނުގައި އިންސާނީ ކަރާމާތް ދަމަހައްޓަން ގަބޫލުކުރާ ބައެއް ނޫން ގޮތުގައި އެ ފާޑުކިޔުން މިވަނީ އަމާޒުވެފައި،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ފުޅާ މިނެއްގައި ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށާއި މުއާހަދާތަކުގައި ވާގޮތަށް ހައްގުތައް ހިމާުޔަތް ކޮށްދިނުމުގައި އދ ވެސް ނުކުޅެދިފައި ވާކަަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
""ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުދި ގައުމުތަކާއި އެންމެ ނާޒުކު ގައުމުތަކާއި ދޭތެރޭ އިހާނެތިކޮށް ކަންކުރެވޭކަން، އދ. ވެސް ވަނީ މިކަމަށް ނުކުޅެނދިފައި، އިންސާނީ ކަރާމަތް ރައްކާތެރިކުރުމަކީ ގާނޫނުގައި ލިޔާ ފޮޅުވަތަކުން ލިބޭނެ އެއްޗެއް ނޫން، ފަލަސްތީނުގެ ހާލަތަށް ބަލާލާއިރުވެސް އދ. ވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ ކަންކަން ހުއްޓުވުމަށް ނުކުޅެނދިފައި،" ރައީސް ވިދާޅުވިއެވެ.