10 Apr 2011, 10:28
ރާއްޖޭގައި މިއޮތީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެކެވެ. މި ތިންބާރުގެ ވާހަކަ ގާނޫނު އަސާސީގައި ލިޔެވިފައިވީ ނަމަވެސް ގާނޫނު އަސާސީގައި ލިޔެވިފައި ނުވާ ހަތަރު ވަނަ ބާރެއް ވެސް ޑިމޮކްރެޓިކް ނިޒާމުގައި އޮވެ އެވެ. އެއީ މީޑިއާގެ ބާރު ކަމަށް ބުނާ ބާރެވެ. ކުރިން މިދެންނެވި ތިން ބާރަށް ފާރަވެރިވެ އެ ބާރުތައް ޒިންމާ ކުރުވުމުގެ މަސްއޫލިއްޔަތު އެޅެނީ މީޑިޔާގައި ކަމަށް ވެސް ބުނެ އެވެ.
މީޑިޔާގެ މަސްއޫލިއްޔަތަކީ ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތު ކަމަށް ވަންޏާ ބާރުތަކުން ކުރާ ރަނގަޅު ކަންތައްތަކަށް ވުރެ ބޮޑަށް މީޑީއާއަށް ފެންނާނީ ރަނގަޅު ކުރަން ޖެހޭ ކަންކަމަވެ. ނުކުރެވިހުރި ކަންކަމެވެ. އެކަން ގަބޫލުކުރަންޖެހެ އެވެ.
ދައުލަތުގެ ބާރުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސަބަބުތަކެއް ވެސް ހުރެގެނެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި އެހެނިހެން ބާރުތައް ޒިންމާދާރުކޮށް ހަމަތަކާއި އުސޫލުތައް ގާނޫނަކުން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާތީ އެވެ. އެހެން ވެގެން ބޮޑެތި ބާރުތަކާއި މަސްއޫލިއްޔަތުތަކެއް މަޖިލީހުގެ މެންބަރުންނަށް ދީފައިވަނީ، ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއްކޮށް އެކަންކަން ކުރުމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާ ވެސް އެކުގަ އެވެ.
އެހެންކަމުން މަޖިލީހުގައި ހިނގާ ނޭދެވޭ ކަންތައްތަކާއި މަޖިލީހަށް ނުކުރެވޭ، އަދި ކުރަން ޖެހޭ ކަންކަމުގެ ވާހަކަތަކަށް މީޑިއާގައި ލިޔާނެ އެވެ. ކިޔާނެ އެވެ. އެނޫން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟
މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 62،000ރ. އަށް ވުރެ ގިނައިން ފައިސާ ނަންގަވައިގެން މެންބަރުން ތިއްބަވާއިރު، ރައްޔިތުންނަށް މުހިންމުވާ ގާނޫނުތަކެއް މެންބަރުން ނުހަދަންޏާ އެވާހަކަ މީޑިޔާ އިން ދައްކަންޖެހެ އެވެ. އާއްމު ރައްޔިތުންގެ ހާލަތު އެނގިތިއްބަވައި އިތުރަށް 20،000ރ.ގެ އެލަވަންސެއް ނަގަން އުޅޭކަމަށްވަންޏާ އެވާހަކަ ވެސް ނުދައްކައެއް މީޑިއާއެއް ނޯންނާނެ އެވެ.
މެންބަރުންނަށް ހިމާޔަތާއި އިނާޔަތް ލިބޭފަދަ ބިލްތަކަށް ވާހަކަ ދައްކާއިރު އެފަދަ އިނާޔަތާއި ރައްކާތެރިކަން ރައްޔިތުންނަށް ލިބިދިނުމަށް ވެސް މީޑިޔާއިން ބާރު އަޅާނެ އެވެ. އަދި ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާ އޮންނަ ދުވަސްތަކަށް ބަހާލައިގެން ކޮއްތަށް މަހަކު 127،000ރ. ހަރަދުވާ ވާހަކަ ވެސް މީޑިއާގެ ސަމާލު ކަމަށް އަންނާނެ އެވެ. އެފަދަ އިނާޔަތްތަކެއް ލިބޭއިރު، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ކޯރަމް ގެއްލުވާލާ ވާހަކަ ވެސް ލިޔާނެ އެވެ. އެ ވާހަކަތައް މީޑިއާތަކުން ނުދެކެވޭނެ އެއްވެސް ހަމައެއް މެންބަރުންނަކަށް ނުދެއްކޭނެ އެވެ. ގާނޫނު ހަދަން ކިތަންމެ މޮޅަސް އެކަން އެގޮތަށް ނުކުރެވޭނެ ގާނޫނީ ހަމައެއް އެބޭފުޅުން ހައްދަވާފައިވާ އެއްވެސް ގާނޫނަކުން ނުދެއްކޭނެ އެވެ.
ނަމަވެސް ފެންނަ މަންޒަރު ތަފާތެވެ. ރައްޔިތުންގެ މަޖިލީހުގައި ހިނގާ އެފަދަ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެންނަން މީޑިއާގެ ވަސީލަތްތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފާޑު ކިއުންތައް މީޑިޔާއަށް މެދު ނުކެނޑި އަމާޒުވެ އެވެ.
"އިއްޒަތްތެރި" މެންބަރުންނާ ދެކޮޅަށް މީޑިޔާ އިން "ޕްރޮޕެގެންޑާ" ފަތުރަމުންދާކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ވިދާޅުވެ އެވެ. މަޖިލީހުގެ ކަންކަން ބޮޑުކޮށްގެން މީޑިޔާތަކުން ހަގީގަތާ ހިލާފް މައުލޫމާތު ގެނަސްދޭ ކަމަށް ވިދާޅުވެ އެވެ. އަދި ސްކޫލްކުދިންގެ އަހްލާގު ގޯސްވެގެންދަނީ މީޑިޔާއިން ފޮނުވާ އެފަދަ އަދަބާހިލާފު ވާހަކަތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެ މީޑިއާއަށް ރައްދު ނުކުރާ އެއްޗެއް ދެނެއް އަލަކުން ވިދާޅުވާކަށް 77 މެންބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިހާރަކު ނޯންނާނެ އެވެ.
މީޑިޔާއަށް ފާޑު ވިދާޅުވަމުން މަޑަވެލީ ދާއިރާގެ މުހައްމަދު ނާޒިމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ އަބުރު ގެއްލޭގޮތަށް މުޅި މީޑިޔާގައި ވާހަކަ ދައްކަމުންދާ ކަމަށެވެ.
"މުޅި މީޑިޔާގައި މި އިއްޒަތްތެރި މަޖިލީހުގެ އެންމެހާ މެންބަރުންގެ ކަރާމާތާއި އެބޭފުޅުންގެ އަބުރު ގެއްލޭގޮތަށް ވާހަކަ ދައްކަމުންދާއިރު އިއްޒަތްތެރި ރައީސްގެ ޒިންމާއެއް މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ހިމާޔަތާއި ކަރާމާތާއި އިއްޒަތް ގެއްލޭގޮތަށް ވާހަކަ ދެއްކިޔަ ނުދިނުމަކީ. މި އިއްޒަތްތެރި މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ވަޒީފާއިން ވަކިކޮށްލެވޭ ބާރުއޮތް ތަން. އަދި ޖުޑިޝަރީގެ އެންމެހައި ފަރާތްތައް ވަކިކުރެވޭތަން. އަދި ވަޒީރުން ބޭރުކުރެވޭ ތަން. އެހެންވީމާ ދައުލަތުގައި އޮތް އެންމެ ވަރުގަދަ އެއް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ތުހުމަތު ކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންނަށް މީޑިޔާއިން ފާޑު ކިޔަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެއިލްވި ބަޔަކު އަޑީގައި ތިބެގެންކުރާ ކަމެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނައިން މީޑިޔާއަށް ފާޑު ވިދާޅުވާ ބޭފުޅަކީ ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކެވެ. މަޖިލީހުގައި މޫސާމަނިކުގެ މައިގަނޑު މަސައްކަތަކީ އެއީއޭ ހީވާފަހަރު ވެސް އާދެ އެވެ.
މޫސާ މަނިކު ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެންބަރުންގެ ބޮލުގައި ވައްކަމާއި ބަދުނާމު އެޅޭގޮތަށް ހަގީގަތާ ހިލާފް ވާހަކަތައް މީޑިޔާއިން ފަތުރަމުންދާ ކަމަށެވެ.
"ހަމަކިރިޔާ ކަމެއްވާ އިރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަރުގެ ގޮތްކުޑަ ލަދުކުޑަ ބަޔަކު ނެތިގެން ވާހަކަ ދައްކާއިރު ތިމާމެންގެ އަމިއްލަ ރޭޑިއޯޗެނަލްތައް ފުރަތަމަ އެބަޖެހޭ ކޮންޓްރޯލް ކުރަން،" މޫސާ މަނިކު މަޖިލީހުގައި ވިދާޅުވި އެވެ.
މެންބަރުން ކެނޑިނޭޅި މީޑިޔާއަށް ފާޑު ވިދާޅުވާއިރު އެ މެންބަރުން މަޖިލީހަށް އައްޔަން ކުރެއްވި، ރައްޔިތުންނަށް ފާޑު ނުކިޔަނީ ކީއްވެތޯ ސުވާލު ކޮށްލަންޖެހެ އެވެ. މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް މީޑިޔާ މެދުވެރިކޮށް ފާޑު ކިޔަމުންދާ ރައްޔިތުންގެ އަޑު އެ މެންބަރުބަރުންނަށް އިވެމުންނުދާހެން ހީވާތީ އެވެ.
މީޑީޔާ މެދުވެރިކޮށް، ކޮންމެ ދުވަހަކު އެތައް ރައްޔިތުންނެއް މެންބަރުންގެ މަސައްކަތަށް ފާޑުކިޔަމުންދާއިރު، މީޑިޔާ އަށް ފާޑު ކިއުމުގެ ބަދަލުގައި މެންބަރުން އަމިއްލަފުޅަށް އެބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ ދެނެގަނެ އެބޭފުޅުންގެ މަސައްކަތަށް އެނބުރި ވަޑައިގަތުން މާ މުހިންމެވެ. މަޖިލީހުގައި މެންބަރުން މަސައްކަތްކުރާ ގޮތް ކައިރިން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ފެނެ އެވެ. މެންބަރުން، ދަރިވަރުންގެ އަހްލާގު ގޯސްވާ ވާހަކަ ވިދާޅުވާއިރު އެފަދަ ވާހަކަތައް ދައްކަވަން މެންބަރުން އެހާ "ތާހިރު"ތޯ ވެސް ސުވާލު އުފެ އެވެ.
މަޖިލީހުގެ މެންބަރުންނަށް އެންމެ ފައިދާހުރި ގޮތަކީ މީޑިޔާއަށް ފާޑު ކިއުން ކަމަށް އެބޭފުޅުންނަށް ގަބޫލުފުޅު ކުރެވެންޏާ އެކަމުގައި ތިއްބަވަންވީ އެވެ. ފާޑު ވިދާޅުވެގެން އެލަވަންސް ވެސް ނަންގަންވީ އެވެ. މީޑިއާގެ މަސައްކަތަށް ފާރަވެރިވާން މެންބަރުން ތިއްވާނަމަ މެންބަރުންގެ ހަގީގީ މަސައްކަތް ނުކުރެވި އޮންނާނީ ނުކުރެވި އެވެ. އެގޮތެއް ރައްޔިތުންނަކަށް ކަމަކު ނުދެ އެވެ.