11 Dec 2015, 10:24
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ.
އެމްއޭސީއެލް އާއި ޕީއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެމް.އޭ.ސީ.އެލުން ހިންގާ ތަފާތު އިވެންޓްތަކާއި، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް އެކުންފުނިން ހިންގާ ތަފާތު މަޝްރޫޢުތަކުގެ ވީޑިއޯ ފުޓޭޖްނެގުމާއި، ޑޮކިއުމެންޓްރީ ތައްޔާރުކުރަން ޖެހޭނެއެވެ.
އެގޮތުން މުޅި އެއަރޕޯޓް ވީޑިއޯ ކުރުމާއި، ކަމާގުޅޭ ބޭފުޅުންގެ އިންޓަރވިއުތައް ނެގުމާއި، އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ތަފާތު މަޝްރޫޢުތަކާއި ގުޅޭގޮތުން ޑޮކިއުމަންޓްރީ ތައްޔާރުކުރުން ހިމެނޭ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.
ހަމަ އެއާއެކު، މުޅި ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއަރޕޯޓް ކުރިން އޮތްގޮތާއި، އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ޚާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރުދުވަހުގެ ތެރޭގައި މުޅި އެއަރޕޯޓުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މިވެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގުނު ތަފާތު މަޝްރޫޢުތަކުގެ ފޮޓޯ ހިމެނޭ ޚާއްސަ ފޮތެއް ޕީ.އެސް.އެމްގެ ފަރާތުން ނެރުއްވާނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އަންނަ އަހަރަކީ އިބްރާހިމް ނާސިރު އިންޓަރނޭޝަން އެއަރޕޯޓްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރުކަމުން، މިދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.އޭ.ސީ.އެލުން ހިންގާ ތަފާތު ހަރަކާތްތައް ޕްލޭންކުރުމާއި، އެފަދަ ހަރާކަތްތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖް ޕީ.އެސް.އެމްގެ ފަރާތުން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.