މާލޭގެ ހުރިހާ ސްކޫލެއް ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފިއެވެ.

މި އަހަރުގެ ނިޔަލަށް މާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެއް ދަންފަޅިއަށް ކިޔަވައިދެމުން އައީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލް އަދި އަމީނިއްޔާ ސްކޫލްގައެވެ.

ނަމަވެސް ކުރިއަށް އޮތް އަހަރު މި ތިން ސްކޫލްވެސް ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ވަނީ ބަދަލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ސަން އަށް ވިދާޅުވީ އެ ބަދަލަކީ މި އަހަރު ގްރޭޑް 10 ނިންމި ކުދިންނަށް ވުރެ އަންނަ އަހަރު ގްރޭޑް އެކަކަށް ވަންނަ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން ގެންނަން ޖެހުނު ބަދަލެއް ކަމަށެވެ.

"އެއް ދަންފަޅިއަށް ހުރި ސްކޫލްތައް ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހުނު ސަބަބަކީ ގްރޭޑް އެކަކަށް ވަންނަން އެދިފައި ތިބި ކުދިން މި އަހަރު އޯލެވެލް ނިންމި ކުދިންނަށް ވުރެ ގިނަ ވީމަ، އެ ސްކޫލްތަކުން ޖާގަ ދެވެން އޮތީ އެގޮތަށް ކަމަށް ވާތީ،" ޝަފީއު ވިދާޅުވިއެވެ.

އެހެންކަމުން މިއި ހުރިހާާ ކުދިންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ޕްރީ ސްކޫލުތައް ނިންމައި، އަންނަ އަހަރު ގްރޭޑް އެކަކަށް ވަނުމަށް 2،200 އަށް ވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާ ކަމަށާއި ރަށްރަށުގެ ސްކޫލުތަކުން މާލެ ބަދަލުވާ ދަރިވަރުންގެ އަދަދު ހިމެނުމުން އެ އަދަދު އިތުރުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލެ ސްކޫލުތަކުން އަދި ޖާގަ އެއްކޮށް ފުލް ނުވާކަމަށާއި އެހެންކަމުން އެ ސްކޫލްތަަކަށް ވަނުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައި ކަމަށެވެ.