10 Dec 2015, 18:22
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީ ތަކަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.
ވިޔަފާރިތަކަށް ޚާއްސަކޮށް ދިރާގުން އަލަށް ތައާރަފްކުރި ޕެކޭޖްގެ ދަށުން ސިކުންތަކަށް 100 އެމްބީގެ ސްޕީޑްގަައި އިންޓަނެޓް ލިބެއެވެ.
ދިރާގުގެ މެނޭޖާ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ އެ ޕެކޭޖްތަކަކީ ވިޔަފާރިތަކަށް ޚާއްސަ އަގުތަކެއްގައި ތައާރަފްކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕެކޭޖްގެ ދަށުން ފަސް އެމްބީޕީއެސް، 10 އެމްބީޕީއެސް އަދި 50 އެމްބީޕީއެސް އަދި 100 އެމްބީޕީއެސް އަށް ގެންދެވޭނެ ކަމަށާއި އޭގަ ގިނަ އެލަވަންސްތަަކެއް ހިމެނޭ ކަމަށެވެ. އަދި ކުރިން ދޫކުރި ޕެކޭޖްތަކާ ހިލާފަށް އެ ޕެކޭޖްތަކުގެ އަޕްލޯޑް ސްޕީޑް އަވަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތާގައި 5 އެމްބީޕީއެސް އަށްވުރެ ދަށް އިންޓަނެޓް ސްޕީޑެއް އެއްވެސް ތަނެއްގައި ނުހުންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެ ޕެކޭޖްތައް ވިޔަފާރިތަކަށް ދޫކުރާނީ ދިރާގުގެ ފައިބާ ނެޓްވޯކް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ. ޕެކޭޖާ އެކު އެލަވަންސެއްގެ ގޮތުގައި 1 ޓީބީ ލިބެއެވެ.
އޭގެ އިތުރުން ޕެކޭޖްގަައި ހިމެނޭ އެލަވަަންސް އިން ނުފުދޭނަމަ އެޑްއޮންސްތަކެއް ވެސް ވަނީ ތައާރަަފްކޮށްފަ އެވެ. އެހެންކަމުން ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް އެ އެޑްއޮންސް ތައް އެކްޓިވޭޓް ކުރެވޭނެ އެވެ.