ސަރުކާރު ވަޒީފާ އަދާކުރާ މާބަނޑު އަންހެނުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އޮފީހަށް ނުކުންނަން ދަތިވާ މާބަނޑު އަންހެނުންނަށް ކަމަށެވެ.
ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މާބަނޑު އަންހެނުންނަށް ވަޒީފާ އަށް ދާން ދަތިވާނަމަ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފަށައިގެން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ދިވެހި ދައުލަތުން ހަމަޖައްސާނަން

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ އިންސަނީ ހައްގުތަކުގެ ދިފާއުގައި ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަ ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން އެއްވަނަ ދުނިޔޭގެ ގައުމުތަކުގައިވެސް ލިބިދޭ އެންމެ ފުރިހަމަ ހައްގުތަކާ އެއްވަރުގެ ހައްގުތަކެއް އާ ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދެނީ އެންމެ ނާޒުކު ގިންތީގެ މީހުންގެ ގޮތުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނަށް އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ ބަދުއަޚުލާގީ ކަންތައްތަކާއި ގެވެށި އަނިޔާ ފަދަ މައްސަލަތަކަށް ހުށަހެޅިފައިވާ ފަރާތްތައް، އަންހެނުންނާއި ދޭތެރޭ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އަންހެނުން ބާރުވެރި ކުރުވުން،" ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރި ކުރުވުމަށް އެކި އެކި ޕްރޮގްރާމްތައް ސަރުކާރުން ކުރިއަށް ގެންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ހާލައިގެން ކުރިއަށް ގޮސް މުޖުތަމައު ތެރެއިން ބިނާކުރުވަނިވި މަސައްކަތެއް ކުރެވޭނެ ގޮތެއް ހެދުމަކީވެސް ސަރުކާރުން ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކުވައި ވިއްކޭނެ ފަދަ ސެންޓަރެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.