ބުއެނޮސް އައިރިސް (ޑިސެމްބަރު 10): މިދިޔަ މަހު އާޖެންޓީނާގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި މައުރީސިއޯ މާކްރީއަށް ވެރިކަމުގެ ބާރުތައް އެގައުމުގެ ކުރީގެ ރައީސާ ކްރިސްޓީނާ ފާނަންޑޭޒް ހަވާލުކުރައްވައިފި އެވެ.

ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވުމުގެ ކުރިން ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާނަންޑޭޒް ވަނީ އާޖެންޓީނާގެ އާ ސަރުކާރުން ކަންތައް ކުރާގޮތާ މެދު ހިތްހަމަނުޖެހޭނަމަ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް ރައްޔިތުންނަށް ގޮވާލައިފަ އެވެ.

"[ރައްޔިތުން] އިތުބާރުކޮށް ވޯޓުދިން ފަރާތްތަކުން އެ އިތުބާރު ގެއްލޭ ގޮތަށް ކަންތައް ކުރަން ފެށުމުން [މުޒާހަރާއަށް] ދިދަތައް އުފުލަންވީ،" ފާނަންޑޭޒް ވިދާޅުވި އެވެ.

މާކްރީ ރައީސްކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު އެވެ. ވެރިކަމުގެ ހުވާ ކުރައްވާނެ ތަނަކާ ބެހޭގޮތުން މާކްރީ އާއި ފާނަންޑޭޒްއާ ދެމެދު ހިނގި ދެބަސްވުމެއްގެ ސަބަބުން ފާނަންޑޭޒް ވަނީ މާކްރީގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފާނަންޑޭޒް ބޭނުންފުޅުވީ އެ ރަސްމިއްޔާތު ގައުމުގެ ކޮންގްރެސްގައި ބޭއްވުމަށެވެ. މާކްރީ ބޭނުންފުޅުވީ ޕްރެޒިޑެންޝަލް ޕެލެސްގައި ރަސްމިއްޔާތު ބޭއްވުމަށެވެ. އެ މައްސަލަ ނިމުނީ ފާނަންޑޭޒްގެ ވެރިކަން ބުދަ ދުވަހުގެ ދަންވަރަށް ނިމޭ ގޮތަށް އެގައުމުގެ ކޯޓަކުން ނިންމުމުންނެވެ. ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ މާކްރީ އެވެ.

އެހެންކަމުން ބުދަ ދުވަހުގެ ދަންވަރުން ފެށިގެން މާކްރީ ވެރިކަމުގެ ހުވާ ކުރެއްވުމާ ދެމެދު އޮންނަ 12 ގަޑިއިރަށް ގައުމުގެ އިސްވެރިޔަކަށް ހުންނަވާނީ އާޖެންޓީނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސެވެ.

މައުލޫމާތު: ބީބީސީ