ނިއުރޭޑިއަންޓްގެ ޢަލީ ފާސިރު (ސެންޓޭ) އެއް އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ.

ސެންޓޭ ޓީސީއަށް ސޮއިކުރީ ރޭގެ ވަގުތެއްގަ އެވެ. ޓީސީގެ ރައީސް އަހްމަދު ނާޝިދު (ޑޭވް) ސަންއަށް ވިދާޅުވީ އަންނަ ސީޒަންގައި ޓީސީ މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސެންޓޭއަކީ ޓީސީއަށް ބޭނުންވާ ކޮލިޓީ ހުރި ކުޅުންތެރިޔެއް ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ މަޝްހޫރު އެހެން ދެ ތިން ކުޅުންތެރިޔަކަށް ވެސް ބަލަމުންދާ ކަމަށާއި އަދި އިތުރު ކުޅުންތެރިޔަކު ވަރަށް އަވަހަށް ޓީސީއަށް ސޮއި ކުރާނެ ކަމަށް ޑޭވް ވިދާޅުވިއެވެ.

މިސީޒަންގައި ނިއުގެ ވައިސް ކެޕްޓަންކަން ވެސް ކުރި ސެންޓޭ އެޓީމު ދޫކޮށް ޓީސީއަށް ބަދަލުވެފައިވާއިރު، މިސީޒަންގައި ނިއުގެ ކެޕްޓަންކަން ކުރި އަސްހަދު ޢަލީ (އަޑ) ވެސް ވަނީ ނިއު ދޫކޯށްލާފަ އެވެ.

ނަމަވެސް އަޑޭ އެހެން ކުލަބަކަށް ސޮއި ކުރިކަން އިއުލާންކޮށްފައެއް ނުވެއެވެ.

ފުރަތަމަ ޑިވިޝަންގެ ކެރިއާ އޯލް ޔޫތު ލިންކޭޖު (އޭވައިއެލް) އިން ކެރިއާ ފެށި ސެންޓޭ ވަނީ ނިއުއަށް ބަދަލުވުމުގެ ކުރިން ވެލެންސިއާއާ ވިކްޓްރީއަށް ވެސް ކުޅެފައެވެ.

މިސީޒަންގައި އުރީދޫ ދިވެހި ޕްރިމިއާ ލިގްގެ ދެ ވަނަ ހޯދި ޓީސީގެ ޒާދު ވަނީ އެކުލަބު ދޫކޮށް ކުލަބު އީގަލްސްއަށް ސޮއިކޮށްފައެވެ.