މައިކްރޮސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް "ވިންޑޯސް"ގައި ބޭނުން ކުރާ ޕާސަނަލް އެސިސްޓެންޓް "ކޯޓާނާ" ރަސްމީކޮށް އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމަށް ލޯންޗުކޮށްފި އެވެ.

އެތައް މަހެއްގެ ބީޓާ ޓެސްޓް ކުރުމަށް ފަހު ކޯޓާނާގެ އޮފިޝަލް ވާޝަން މިހާރު ގޫގަލް ޕްލޭ ސްޓޯރުންނާއި އައިއޯއެސް އެޕްސްޓޯ އަށް ނެރެފަ އެވެ.

ކޯޓާނާ އަކީ ފުރަތަމަ ކްރޮސް ޕްލެޓްފޯމް ވާޗުއަލް އެސިސްޓެންޓެވެ. ގޫގަލް އެންޑްރޮއިޑް އާއި އައިއޯއެސްގައި ވެސް ހާއްސަ ޕާސަނަލް އެސިސްޓެންޓް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ގޫގަލްގެ "ގޫގަލް ނައު" އާއި އައިއޯއެސްގެ "ސީރީ" އަކީ އެ އޮޕަރޭޓިން ސިސްޓަމް އަށް އިންޓަގްރޭޓް ކޮށްފައިވާ ހިދުމަތެވެ.

އެންޑްރޮއިޑްގެ ސަޔާނޮޖެން އޮޕަރޭޓިން ސިސްޓަމްތަކުގެ ފޯންތަކަށް ކޯޓާނާ އިންނާނީ "ވަރަށް ފުންކޮށް" އިންޓަގްރޭޓްކޮށްފައި ކަމަށް ކަމަށް ސަޔާނޮޖެން އިން ވަނީ ބުނެފަ އެވެ.

ކޯޓާނާގެ ހާއްސަ ފީޗާސްތަކުގެ ތެރޭގައި މީހުން ކަނެކްޓް ކޮށްގެން ރިމައިންޑާ ސެޓު ކުރުން ހިމެނެ އެވެ. މިއީ އެހެން ޕާސަނަލް އެސިސްޓެންޓެެއްގައި ބޭނުން ކުރާ ހިދުމަތެއް ނޫނެވެ.

އިންސާނާގެ އަޑު ބޭނުންކޮށްގެން ކޯޓާނާ އެކްޓިވޭޓް ކުރުމަށް ބޭނުން ކުރާ "ހޭ ކޯޓާނާ!" ފީޗާ ވެސް އެންޑްރޮއިޑް ފަރާތްތަކަށް ލިބޭނެ ކަމަށް މައިކްރޮސޮފްޓް އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފީޗާއެއް އައިއޯއެސްގެ އެޕްލިކޭޝަންއަކު އަދި ހިމަނާފައެއް ނުވެ އެވެ.

އެ ދެ ޕްލެޓްފޯމަށް ކޯޓާނާ ތައާރަފު ކުރުމާ ކުރި ނަމަވެސް އަދި އެ އެޕްލިކޭޝަން ބޭނުން ކުރެވޭނީ ޗައިނާ އާއި އިނގިރޭސި ބަހުންނެވެ.

ވިންޑޯސްގެ ކޯޓާނާގައި ބޭނުން ކުރާ ބަސްތައް ދަނީ މިހާރު އިތުރު ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑިއާގައި ވަނީ ކޯޓާނާގެ "އަލްފާ ވާޝަން"އެއް ތައާރަފުކޮށްފަ އެވެ.