ލަންޑަން (ޑިސެމްބަރު 10) : އެމެރިކާގެ ރިޔާސީ ރޭހަށް ވާދަކުރެއްވުމަށް ނިންމަފާވައިވާ ޑޮނަލްޑް ޓްރަމްޕް، މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަށް ގޮވާލައި ދެއްވި ބަޔާނާ ގުޅިގެން އޭނާ އިނގިރޭސިވިލާތަށް ވަނުން މަނާކުރާ ގާރާރެއް އިނގިރޭސި ޕާލަމެންޓުން ފާސްކުރުމަށް އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލައިފި އެވެ.

އެ ފަރާތްތަކުން ބުނީ ޓްރަމްޕް، އިނގިރޭސިވިލާތަށް ވަނުން މަނާކުރާ ގާރާރެއް ފާސްކުރުމަށް ގޮވާލައި ހައުސްއޮފް ކޮމަންސް އަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މި ޕެޓިޝަންގައި މިހާތަނަށް 300،000 އެއްހާ އިނގިރޭސި ރައްޔިތުން ސޮއިކޮށްފައިވާ ކަމުގައެވެ. މިއަދަދަށް މީހުން ސޮއިކޮށްފައިވާނަމަ މި ޕެޓިޝަނާމެދު ބަހުސް ކުރުމަށް އިނގިރޭސި ޕާލަމެންޓަށް ހުށަހެޅިދާނެ ކަމަށް ޕެޓިޝަން އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

ޓްރަމްޕްގެ ބަޔާނާ ގުޅިގެން ސްކޮޓްލެންޑްގެ ސަރުކާރުން ވަނީ އެގައުމުން އޭނާއަށް ދީފައިވާ ޝަރަފުވެރި މަގާމެއްކަމަށްވާ ވިޔަފާރިވެރިންގެ ސަފީރުކަމުގެ މަގާމުން އޭނާ ވަކިކުރިކަން އިޢްލާންކޮށްފައެވެ. ސްކޮޓްލެންޑަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ހިމެނޭ ގައުމެކެވެ. ސްކޮޓްލެންޑްގެ ސަރުކާރުގެ ތަރްޖަމާން ވިދާޅުވީ ޓްރަމްޕަކީ ހަރުކަށި ޚިޔާލުގެ ބޭފުޅެއް ކަމަށާއި އެގައުމުގެ ވިޔަފާރިވެރިންގެ ސަފީރުކަމުގެ ޝަރަފުވެރި މަގާމަށް އޭނާ ކުފޫ ހަމަނުވާ ކަމުގައެވެ. މީގެ އިތުރުން ސްކޮޓްލެންޑްގެ ރޮބަޓް ގޯޑަން ޔުނިވާސިޓީން ވަނީ އެތަނުން ޓްރަމްޕަށް ދީފައިވާ އޮނަނަރީ ޑޮކްޓަރޭޓް ކަންވެސް އޭނާގެ ކިބައިން ނިގުޅައިގެންފައެވެ.

މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަށް ގޮވާލައި ޓްރަމްޕް ދެއްވި ބަޔާނާ ގުޅިގެން ހުޅަނގުގެ ސަރުކާރުތަކުންނާއި ހުޅަނގުގެ ލީޑަރުން އެއީ މާބޮޑު ކަމެއް ކަމަށް ހަދައިގެން އުޅޭ އުޅުމަކީ މުނާފިގު އަމަލެއްކަމަށް ހުޅަނގުގެ ބައެއް ނޫސްތަކުންވަނީ ސިފަކޮށްފައެވެ. މިނޫސްތައް ބުނާގޮތުން އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ގިނަ ލީޑަރުންނަކީ އިރާގާއި އަފްޣާނިސްތާނާއި ސޫރިޔާގެ ކުށެއްނެތް މުސްލިމް އާންމުންގެ އެތަށް ލައްކަ ބަޔަކު މެރުމުގެ ޒިންމާ އުފުއްލަވަންޖެހޭ ބޭފުޅުން ކަމަށާއި އެބޭފުޅުން ޓްރަމްޕާ ދެކޮޅަށް މުސްލިމުންގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ މުނާފިގު އަމަލަކަށް ނޫނީ ނުވާނެ ކަމުގައެވެ.

އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯޖް ޑަބްލިޔުބުޝް ވަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވުމަށްފަހު އިރާގާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރައްވައި އެ ގައުމުގެ ކުށެއްނެތް އާންމުންގެ އެތައް ލައްކަ ބަޔަކުމަރައި މުޅި އިރާގު ހަލާކުކޮށް ސުންނާފަތިކޮށްލާފައެވެ. މީގެއިތުރުން އަލްގާއިދާ ހަނގުރާމަ ކުރުމުގެ ނަމުގައި ބުޝްގެ އިތުރުން އޮބާމާވެސްވަނީ އަފްޣާނިސްތާނަށާއި ޕާކިސްތާނަށް ހަމަލާދެއްވައި އެދެގައުމުގެ އާންމުންގެވެސް އެތަށް ހާސްބަޔަކު މަރާފައެވެ. އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އޮބާމާގެ ވެރިކަމުގައި އެމެރިކާ ސިފައިން ސޫރިޔާއާއި ލީބިޔާއާއި ސޮމާލިޔާއާއި ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައިވެސް އެގައުމުތަކުގެ ކުށެއްނެތް އާންމުންގެ އެތަށް ހާސްބަޔަކު މަރުވެފައިވެއެވެ. މީގެއިތުރުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެގައުމުތަކުގެ ސަރުކާރުތަކުގެ ފަރާތުން މިހާރުވެސް އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި ގޯނާތައް ތަހައްމަލް ކުރަންޖެހިފައިވެއެވެ.

ހުޅަނގުގެ ބައެއް ނޫސްތަކުން ބުނާގޮތުން ޓްރަމްޕް މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކަވާފައިވަނީ ފާޅުގައެވެ. ނަމަވެސް ހުޅަނގުގެ އެހެން ލީޑަރުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަޔާންތައް ދެއްވުމުގެ ބަދަލުގައި އެބޭފުޅުން މުސްލިމް ގައުމުތަކަށް ހަމަލާދިނުމަށާއި ބޮންއެޅުމަށް އަމުރުކުރައްވާފައިވެއެވެ. މިހަމަލާތަކުގެ ސަބަބުން ކުށެއްނެތް އެތަށް މުސްލިމުންނެއް މަރުވެފައިވާއިރު ޓްރަމްޕާ ދެކޮޅަށް ހުޅަނގުގެ ލީޑަރުން ދައްކަވަނީ މުނާފިގު ކަމުގެ ސިފަތަކެއްކަމަށް މި ނޫސްތައް ބުނެއެވެ.
މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަށް ގޮވާލައި ޓްރަމްޕް ދެއްވި ބަޔާނަކީ އޭނާ އެމެރިކާގެ ރިޔާސީ ރޭހުން ބޭރު ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ވައިޓްހައުސް އިން ވަނީ ސިފަކޮށްފައެވެ. ޓްރަމްޕުގެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ޓްރަމްޕުގެ ވާހަކަތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ހިތްވަރު ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ޓްރަމްޕް ވަނީ އޭނާގެ ވާހަކަ ދިފާއު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ ވާހަކަތައް އިޝާރާތް ކުރެއްވީ އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ މުސްލިމުންނަށް ނޫންކަމުގައެވެ. ޓްރަމްޕްވަނީ ލަންޑަނުގެ ބައެއް އަވަށްތަކަކީ އިނގިރޭސި ސަރުކާރުން މުސްލިމުންނަށް ދޫ ދެމުން ގޮސް މުޅިން ހައްދު ފަހަނަޅާފައިވާ ސަރަހައްދުތަކެއް ކަމަށް ވެސް ސިފަކުރައްވާފައެވެ. އަދި އެސަރަހައްދުތަކަށް ވަނުމަށް އިނގިރޭސި ފުލުހުން މިހާރު ބިރު ގަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)