ފޭސްބުކް ކޮމިއުނިޓީއިން މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް ދިފާއު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފޭސްބުކްގެ ފައުންޑަރު އަދި ޗީފް އެގްޒެކެޓިވް މާކަ ޒަކަބާގް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ޒަކަބާކް ވިދާޅުވެފައި ވަނީ އެންމެން ފަދައިން ފޭސްބުކް ކޮމިއުނިޓީއަށް މުސްލިމުންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ޕެރިސްގައި ހިނގި ހާދިސާއަށް ފަހު މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ފާޑުފާޑުގެ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަދު ބައެއްގެ ސަބަބުން މުޅި އިސްލާމް ދީނުގެ އެންމެންނަށް ބަދު ބަސް އައުމާ ގުޅިގެން އެފަރާތްތަކަށް ކުރިމަތިވާނެ ބިރުވެރިކަން ހިތަށް ވެސް ގެންނަން އުނދަގޫ ކަމަށެވެ.

ޒަކަބާގެ ގަބޫލުކުރާ އަގީދާއިން އޭނާއަށް ދަސްކޮށްދީފައި ވަނީ ކޮންމެ މުޖުތަމައުއަކަށް ކުރިމަތިވާ އަނިޔާތަކާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށެވެ. މިއަދު އަނިޔާ ލިބެނީ މުސްލިމުންނަށް ކަމުގައި ވިޔަސް މާދަމާ އެހެން ބަޔަކަށް ވެސް އަނިޔާ ލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިއެއް ލިބުމާ ގުޅިގެން ވަރަށް ގިނަ އުއްމީދުތަކެއް މުޅި އާއިލާއަށް ވެސް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ ދުނިޔެއަކީ އަމާން ތަނަކަށް ހެދޭނެ ކަމަށްވެސް ޒަކަބާކް ވިދާޅުވި އެވެ.