ފުލުހުން މަރާލިކަމަށް ތުހުމަތުކުރެވޭ ސ. ހިތަދޫ ނާޒުކީގޭ، ހުސެއިން ސަލާހުގެ ހަށިގަނޑު އޭނާގެ އާއިލާގެ ނުރުހުމުގައި އާ ސަހަރާގައި ވަޅުލިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން، ވަޅުލައިފަ އޮތީ ސޮލާހުގެ ހަށިގަނޑުތޯ ޔަގީންކުރަން އާއިލާ ބޭނުންވާތީ، އޭނަގެ ގަބުރު ކޮނެގެން ނަގަން ހިއުމަން ރައިޓްސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ އެދިވަޑައިގެންފި އެވެ.

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި 2007 ގައި ފެނުނު ސ. ހުސައިން ސޮލާހުގެ ހަށިގަނޑު ކޮނެގެން ނެގުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވަނީ އާސަހަރާގައި އެއަހަރުގެ އޭޕްރިލް 28 ވަނަ ދުވަހު ވަޅުލައިފައިވަނީ ސޮލާހުގެ ހަށިގަނޑުތޯ ޔަގީންކުރުމަށް އޭނާގެ އާއިލާއިން ބޭނުންވާތީ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

"ވަޅުލައިފަ އޮތީ ހުސެން ސަލާހުކަން ނޫން ކަން ބަލައި އާއިލާއިން ޔަގީންކުރަން ބޭނުންވާތީ އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނީ އެކަން ކޮށްދިނުމަށް. އެކަން ކުރެވޭނެތޯ ނޫންތޯ ބަލައި އެއް މަސް ތެރޭ ޖަވާބެއް ދޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ، 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އާއިލާއިން އެ މައްސަލަ ހުށަހެޅި ކަމަށެވެ.
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން އައްޑު އަތޮޅު ހިތަދޫން ސޮލާހު ހައްޔަރުކޮށްފައިވަނީ މި އޭޕްރިލް 9، 2007 ގައި އެވެ. އޭނާ މާލެ ގެނެސް ތަހުގީގުގެ މަރުހަލާ ނިންމުމަށް ފަހު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ކަމަށް ފުލުހުން ބުނަނީ އެ މަހުގެ 13 ވަނަ ދުވަހުގެ ރެޔެވެ. ނަމަވެސް، ސޮލާހުގެ މަރު ތަހުގީގު ކުރުމަށްފަހު އޭރު ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ، އެކަން ކަށަވަރުނުވާ ކަމަށެވެ.

ސޮލާހުގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން މަރުގެ ސަބަބު ހޯދުމަށް މިނިވަން ޕޯސްޓްމޯޓަމެއް ހެދުމަށް އެދިއެދި ތިއްބައި، އެފުރުސަތު ނުދީ، ކުރީގެ ސަރުކާރުން އޭނާގެ ގަބުރު ލަންކާއަށް ފޮނުވާ ޕޯސްޓްމޯޓަމް ހެދުމަށްފަހު، މާލެ ގެނެސް ވަޅުލީ ނޫސްވެރިންނާއި އަދި އެހެން މީހުންނަށް ވެސް ނުވަދެވޭ ގޮތަށެވެ.

އޭރު ސޮލާހުގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނަނީ، ސޮލާހު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ދެ ވަނަ ފަރާތެއްގެ ހިޔާލު ހޯދުމަށް ދިވެހި ސަރުކާރުން ހުއްދަ ނުދިނުމުން އާއިލާ އިން އެދިފައި ވާނީ ސޮލާހުގެ ހަށިގަނޑު ސްރީލަންކާގައި ވަޅުލުމަށް އާއިލާއާ ހަވާލުކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް، އާއިލާއާ ހަވާލުނުކޮށް، ސޮލާހުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ "އާއިލާ އަށް ވަގަށް" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް، ފުލުހުން އޭރު ބުނެފައިވަނީ އެގޮތަށް ކަންތައް ކުރީ އާއިލާއިން ސޮލާހުގެ ގަބުރާ ހަވާލުނުވުމުން ކަމަށެވެ.